މެންޗެސްޓާ ސިޓީ އަދި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރ ޔާޔާ ޓޫރޭ ބަލިކޮށް ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމަންޑް އަށް ކުޅެމުން އަންނަ އައުބަމަޔެންގް އެފްރިކާގެ 2015 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ޔާޔާ ޓޫރޭ ވަނީ ރުޅިވެރިކަމުގެ ބަސްތައް ރައްދު ކޮށްފައެވެ.
އެފްރިކާގެ ގައުމުގެ ކޯޗުން އަދި ޓެކްނިކަލް ޑައިރެކްޓަރުންގެ ވޯޓުން އައުބަމަޔެންގް ޔާޔާ ބަލިކޮށްފައިވަނީ 143 ވޯޓާއެކުއެވެ. ޔާޔާ އަށް ލިބިފައިވަނީ 136 ވޯޓެވެ. 3 ވަނައަށް ވޯޓު ލިބިފައިވަނީ ސްވެންސީ އަދި ގާނާގެ މިޑްފީލްޑަރ އަޔޫ އަށެވެ. އޭނާ އަށް ލިބިފައިވަނީ 112 ވޯޓެވެ.
ފާއިތުވި ހަތަރު އަހަރުވެސް މި އެވޯޑް ހާސިލުކޮށްފައިވާ ޔާޔާ ޓޫރޭ ބުނެފައިވަނީ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާފައިވަނީ އެފްރިކާ އަށް ލަދުވެތިކަން ލިބިދޭފަދަ ގޮތަކަށް ކަމަށެވެ.
އައުބަމަޔެންގް އަކީ ޖަރުމަނުގެ ބުންޑެސްލީގާގެ މި ސީޒަނުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލީގުގައި 17 މެޗުގައި 18 ގޯލު ޖަހާފައެވެ.
ޔާޔާ ޓޫރޭ ވަނީ މިދިޔަ ފެބްރުއަރީގައި އައިވަރީ ކޯސްޓަށް ނޭޝަންސް ކަޕް ކާމިޔާބު ކުރުމުގައި އެހީތެރިވެދީފައެވެ. މިއީ 20 އަހަރު ތެރޭގައި އެގައުމު އެފްރިކާގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ޔާޔާ ގެ ހިތްހަމަ ނުޖެހުމުގެ އަސްލަކީ މިއީ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އައުބަމަޔެންގްގެ މިކާމިޔާބީގެ ސަބަބުން އޭނާގެ ގައުމުގެ ރައީސް ވެސް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. މިއީ ގާބޮންގެ ކުޅުންތެރިޔަކު މި ފަޚުރުވެރި މަގާމު ހޯދި ފުރަތަމަ ފަހަރެވެ.