އައްޑޫގައި ފިޝަރީޒް ކޮމްޕްލެކްސް ޤާއިމް ކުރާނެ ބިމެއް ހޯދުމަށް ކައުންސިލާއި ސަރުކާރާއި ދެމެދު ކުރެވުނު 'ހަނގުރާމަ' އަކަށް ފަހު އެންމެ ފަހުން ހުޅުދޫގައި ފިޝަރީޒް ކޮމްޕްލެކްސް ޤާއިމްކުރަން ނިންމުން ވެގެން ދިޔައީ ހުޅުދޫ އަދި މީދޫގެ ރައްޔިތުން ހިނިތުންކުރުވި ނިންމުމަކަށެވެ.
އައްޑޫގެ ޗާޓުން ބާކީކުރެވިފައިވާ ބައެއްގެ ގޮތުގައި، އެއްބަޔަކު ސިފަކުރާ މީދޫ އަދި ހުޅުދޫގެ ރައްޔިތުން ސަރުކާރުގެ އެނިންމުމާއި އެކު އުފަލުން ފޮޅުނެވެ. ތަރައްޤީގެ މަޝްރޫޢުއެއްގެ ރަށުގައި ފެށޭނެ ކަމުގެ އުއްމީދު ކުރަމުން އައި އެ ދެރަށުގެ ރައްޔިތުންގެ އުއްމީދުތައް އާވެގެން ދިޔައީ، 2014 ވަނަ އަހަރުގެ ޑިސެމްބަރ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެ ރަށަށް ވަޑައިގެން ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުމުންނެވެ.
އޭގެ ފަހުން ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ކަމަށް ބުނެ ހުޅުދޫ ބަނދަރު ސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން އަނެއްކާވެސް، ރައްޔިތުންނަށް ލިބުނު ޚަބަރަކީ، ސިއްސައިގެން ދާނެ ފަދަ ބޮޑު މަޝްރޫޢުއެއް އިފްތިތާޙްކޮށްދެއްވުމަށް ފިޝަރީޒް މިނިސްޓަރ އައްޑޫއަށް ވަޑައިގަންނަވާ ވާހަކައެވެ.
އައްޑޫ އަކީ މިސަރުކާރުގެ އިސްވެރިންގެ ބަހުން ނަމަ "ރީދޫ ހުން" ވަރުގަދަ އަށް ފެތުރިފައިވާ ސަރަހައްދަކަށް ވި ނަމަވެސް، މިނިސްޓަރ އައްޑޫއަށް ވަޑައިގަތުމުން އެ ބޭފުޅާގެ ކަރުގައި މާފަތި އަޅުވައި މަރުޚަބާ ކިޔަން ސަރުކާރަށް ތާޢީދުކުރާ ބައެއް މީހުން ދިޔައެވެ. އޭގެ ތެރޭގައި ގިނައީ ސަރުކާރުން ގޭގައި ތިއްބާ ތަބަކަށް ލައިގެން އައިސް ވަޒީފާތައް ދިން ފަރާތްތަކެވެ.
ދައުލަތުގެ މީޑިޔާ، "ޕީއެސްއެމް" އިން ޚަބަރު ފަތުރާފައިވާ، "ގިނަ އަދަދެއްގެ" މީހުންގެ އަދަދު 100 އަށް ނޭރުމަކީ އަދި މުޅިން އެހެން ވާހަކައެކެވެ.
ކޮންމެ އަކަސް، 2014 ވަނަ އަހަރު ރަސްމީގޮތުން ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވި މަޝްރޫޢެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މި ބޭއްވުނީ، އޭގެ 377 ދުވަސް ފަހުން މިއަހަރުގެ ޖަނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
އާދައިގެ މަތިން "ފިނިހަކަ" ސްޕީޑުގައި ކުރިއަށް ގެންދާތީ އެކަމާއި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިފްކޯގެ ފަރާތުން ވަނީ އެ މަސައްކަތް 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް ރައީސް ޔާމީން ރަސްމީކޮށް ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވި ނަމަވެސް، ފިޝަރީޒް ކޮމްޕްލެކްސް ބިނާކުރުމުގެ މަސައްކަތް ފެށުނީ، 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުދޫ ބަނދަރު ސަރަހައްދުގައި ފެންސްތައް ޖަހައި ފިޝަރީޒް ކޮމްޕްލެކްސް ގާއިމްކުރުމުގެ މަސައްކަތް ކިރިޔާ ފެށުނީ އެހިސާބުންނެވެ.
އެއާ އެކު އަނެއްކާވެސް މިފްކޯގެ ރާގު ބަދަލުވީއެވެ. އޮކްޓޯބަރ ގެ ނިޔަލަށް ނިންމަން ބުނި މަސައްކަތް ނިމޭނީ 2016ގެ މެއި މަހުގެ ތެރޭގައި ކަމަށް އެކުންފުނިން ހާމަކުރިއެވެ.
2016 ވަނަ އަހަރާއި ކުރިމަތިލީއިރު، ހުޅުދޫ ބަނދަރު ސަރަހައްދުގައި އެ މަސައްކަތް ފަށަން ކޮންމެވެސް ކަންތައް ތަކެއް ވަނީ ފެށިފައެވެ.
ނަމަވެސް މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު އައްޑޫއަށް ވަޑައިގެން ފިޝަރީޒް މިނިސްޓަރު ޝައިނީ ވަނީ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައި ދެއްވާފައެވެ. ރަސްމީކޮށް "އަމަލީ މަސައްކަތް" ފެއްޓެވިތާ އަހަރެއްހާ ދުވަސް ފަހުން އަދި ކިރިޔާ އިމާރާތުގެ "ބިންގާ" އެޅުނީއެވެ.
ސ.ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (ރުވާނާ) އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީ އަދި މިފްކޯގެ އިސްވެރިން ހިމެނޭ ގޮތަށް 10 މީހުން ވެގެން 3 ފަކީރާ އިން ފައުންޑޭޝަން ޖަހަން ތައްޔާރުކޮށްފައި ހުރި ތަނަކަށް ސިމެންތި އޮއްސާލުމުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވުނީ ކަމަށް ޤަބޫލުކުރައްވަންޏާ އެއީ ކުށް ހީނ އެކެވެ.
އައްޑޫގެ ރައްޔިތުން މިތިބީ ހޭލައެވެ. ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވަން ބޭނުންފުޅުވާނަމަ އިޚްލާސްތެރިކަމާއި އެކު އެކަން ކުރިއަށް ގެންދަވާށެވެ. ގޮތް ދެއްކުމަށް ކޮންމެހެން އިރުއިރުކޮޅާ އައްޑޫ އަށް އައިސް ފަހަރަކު ބޭފުޅަކު މެޑަލް ޖައްސަވަން ނޫޅުއްވާށެވެ.
އަހަރުމެންގެ ހިތުގައި އުފެދޭ ސުވާލަކީ، ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މި ރޭޓުން ދާކަމަށް ވަންޏާ، އަދި ރައީސް ޔާމީން ވަޑައިގެން ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ކުރާ ބިން ސާވޭ ކުރުމުގެ މަސައްކަތް 2017 ވަނަ އަހަރު ނުފައްޓާނެ ބާވައެވެ. ނުވަތަ ހިތަދޫގައި އަޅަން ބުނި ހޮސްޕިޓަލަށް ވީ ގޮތަށް، ހުޅުދޫގައި މަސްމާރުކޭޓެއް ޤާއިމްކޮށް އެތަން ތަރައްޤީކުރުން މުހިއްމުކަމަށް ސަރުކާރަށް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.