މަސްވެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތިވި އަހަރަކަށް އަލްވަދާޢު ކިޔުމަށް ފަހު އަހަރުމެން 2016 ވަނަ އަހަރާއި ކުރިމަތިލީ އާ އުއްމީދުތަކަކާއި އެކުގައެވެ. މަސްވެރިކަން ރަގަޅުވެ ލިބޭ އާމްދަނީ އިތުރު ވާނެ އަހަރަކަށް ވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ. ފާއިތުވި އަހަރު ސަރުކާރުގެ ފަރާތުން އައްޑޫގެ މަސްވެރިންނަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވި ނަމަވެސް އެކަމަށް މަޢާފް ކުރުމަށް ފަހުއެވެ.
މި އަހަރަކީ، މަސްވެރިކަމާއި ބެހޭ ވުޒާރާގެ އެހީތެރިކަން އެންމެ ފުރިހަމަ ގޮތެއްގައި ލިބޭނެ އަހަރެއް ކަމުގެ އުއްމީދުގައި ތިއްބައި ލިބުނު ޚަބަރަކީ، މަސްވެރިކަމާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. ޝައިނީ އައްޑޫއަށް ވަޑައިގަންނަވާ ވާހަކައެވެ. ދޯނިތަކުގައި ވެސް އަދި އަތިރިމަތީގައި ހުރި ބޮޑެތި ގަސްތަކުގެ ދަށުގައި ވެސް އަހަރުމެން ގެންދިޔައީ މަސްވެރިންނަށް ދިމާވެފައި ހުރި ދަތި ތަކުގެ ވާހަކަ ދައްކަމުންނެވެ. ލީޑަރުން ހޮވައިގެން ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ މިނިސްޓަރަށް ކިޔައި ދިނުމަށް އަހަރުމެން ތައްޔާރުވީމެވެ.
އުއްމީދުކުރި ގޮތަށް މިނިސްޓަރާއި ބައްދަލުކުރުމުގެ ފުރުސަތު އަހަރުމެންނަށް ވެސް ލިބުނެވެ. ވަރަށް އޯގާތެރި މިނިސްޓަރެކެވެ. އެކުވެރި މިޒާޖެއްގެ ހިތްހެޔޮ ބޭފުޅެކެވެ. މީގެ ކުރިން އައްޑޫއަށް ވަޑައިގެންނެވި މިނިސްޓަރުން މަސްވެރިންނަކީ "ކަޓް" ބަޔަކަށް ހަދާފައި ބައްދަލުނުކުރި ނަމަވެސް މިނިސްޓަރ ޝައިނީ އަހަރުމެންނާއި ބައްދަލުކުރެއްވިއެވެ. އެކަމާއި އަހަރުމެން އުފާކުރަމެވެ. ޝުކުރުވެސް އަދާކުރަމެވެ.
އެހެން ނަމަވެސް، މަސްވެރިންނާއި ދަނޑުވެރިންގެ މެދުގައި އޮޅުންތަކެއް ހުރި ކަމަށް ވިދާޅުވެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި މެދު އަހަރުމެންނަކަށް އެއްބަސްވެވޭކަށް ނެތެވެ.
މިނިސްޓަރ ޝައިނީއެވެ. މަނިކުފާނު އަޅުގަނޑުމެން އޮޅުމެއްގެ ތެރޭގައި ތިބި ކަމަށް ވިދާޅުވި އެއް ސަބަބަކީ، " ބެޔަސް ނުބެޔަސް 10 ހާސް ރުފިޔާ" ލިބޭނެ ކަމަށް ބުނެ ސަރުކާރުން މަސްވެރިންނަށް ތަޢާރަފްކުރި އިންޝުއަރެންސް ސްކީމް އާއި ބެހޭގޮތުން ކުރި ސުވާލު ހެއްޔެވެ؟
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ދުވަސްވަރު "ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ޔަޤީން" ކަމަށް ބުނެ އިޝްތިހާރު ކުރި، މިހާރުގެ ނަމުން ނަމަ މަސްވެރިންގެ އާމްދަނީ އިންޝުއަރެންސް ސްކީމަކީ، ކިހިނެތް ހިނގާ ކަމެއް ކަން އައްޑޫގެ މަސްވެރިންނަށް އެނގެއެވެ. އެ ސްކީމުގައި މިހާތަނަށް ރާއްޖެއިން ބައިވެރިވެފައިވަަނީ އެންމެ އުޅަނދެއް ކަމާއި އެ ސްކީމަށް ތަރުޚީބެއް ނުލިބޭ ކަން ވެސް އަހަރުމެން މަސްވެރިންނަށް އެނގެއެވެ.
މަސްވެރިންގެ އާމްދަނީ އިންޝުއަރެންސް ސްކީމަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް ބުނެ އޮޅުވާލެއްވީ މަނިކުފާނުއެވެ. ދަންނަވަންތޯއެވެ. ހއ. ތުރާކުނުން ފެށިގެން ސ.ގަމާއި ހަމައަށް ރާއްޖޭގެ ކޮންމެ ރަށަކަށް ނިސްބަތްވާ މަސްވެރިއެއްގެ އަތުގައި ވެސް މިއަދު މޯބައިލް ފޯންތައް އެބަހުއްޓެވެ. މުވާސަލާތީ ގޮތުން ދުނިޔެއަށް އައި ބަދަލުތަކުގެ މަންފާ ކުރަނީ ހަމައެކަނި ފިޝަރީޒް މިނިސްޓްރީ ހިންގާ ވެލާނާގޭ 7 ވަނަ ފަންގިފިލާ އަކަށް ނޫނެވެ.
މަނިކުފާނު ވިދާޅުވީ މިނިސްޓްރީ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ވާހަކަ މަސްވެރިންގެ ފޯނަށް އެސްއެމްއެސް އަކުން ލިބޭނެ ކަމަށެވެ. އެކި ފޯމްތައް ހުށަހެޅުމުގައި އެތައް ފަހަރަކު އަހަރެންގެ އަމިއްލް މޯބައިލް ނަންބަރު މިނިސްޓްރީ އަށް ވާނީ ދީފައެވެ. އެކަމަަކު މިނިސްޓަރ ވިދާޅުވާ އެސްއެމްއެސް އެއް ދުވަހަކުވެސް ނުލިބެއެވެ.
މަސްވެރިކަމުގެ ލައިސަންސް ހެއްދުމަށް ހުށަހެޅުމުން ހަރުކުރަން އެހެރަ އަންގާ 'ވެސެލް ލޮކޭޓިން ޑިވައިސް' އެއްގެ ވާހަކަ ތޯއްޗެވެ. މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގިނަ މަސްވެރިން އެ ޑިވައިސްއެއް ހަރުކޮށްފި ކަމަށެވެ. އެއީ ވެސް ހަމަ ކަނޑައެޅިގެން މަނިކުފާނު ހެއްދެވި އިތުރުފުޅެކެވެ. ތިބުނާ ޑިވައިސް އެއް ހަރުކޮށްގެން އުޅެނީ މި އައްޑޫ އަށް ނިސްބަތްވާ ދޯނިތަކުގެ ތެރެއިން ހައެއްކަ މަސްދޯނީގައެވެ.
މުޅި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ 150 އުޅަނދުގައި ތިބުނާ ޑިވައިސްއެއް ހަރުކޮށްފައި ހުރިކަން މަނިކުފާނު ސާބިތުކޮށްދެއްވައިފި ނަމަ އައްޑޫގެ މަސްވެރިން 7 ދުވަސް ވަންދެން ބާނާ ހުރިހާ މަހެއް ފިޝަރީޒް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ އާއިލާތަކަށް ބަހާނަމެވެ.
ދެން އޮތީ، މިއަހަރުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަނިކުފާނު އިފްތިތާޙްކޮށްދެއްވި، ސެޓެލައިޓް ފޯނުގެ ވާހަކައެވެ. އެއީ ކޯޗެއްކަން އެނގޭ މީހާކު އުރީދޫގައި ވެސް އަދި ފިޝަރީޒް މިނިސްޓްރީގައި ވެސް ހުރިކަމަކަށް ނުވެއެވެ. މިނިސްޓްރީ އިން ދޭ ޖަވާބަކީ، ޗެކް ކޮށްލާފައި ގުޅާނެ ކަމަށެވެ. ނުވަތަ އެކަމާއި ބެހޭ ބޭފުޅާ ޗުއްޓީގައި ހުންނެވުމުން މިވަގުތު އެ މައުލޫމާތު ދެވެން ނެތް ވާހަކައެވެ.
މިނިސްޓަރ އަހަރުމެން ސުވާލުކުރުމުން ވިދާޅުވީ، އެކަން ކުރިއަށް ދާ ކަމަށެވެ. ދެއިރު އިރަކު ބަލިމީހަކަށް ބޭސް ދޭހެން މޮޅެތި ވާހަކަ ދައްކައި އޮޅުވާލަން މަސައްކަތް ކުރައްވަނީ ވެސް ހަމަ ޢިއްޒަތްތެރި މިނިސްޓަރެވެ.
އައްޑޫގައި އެންމެ އާބާދީ ބޮޑު ހިތަދޫ އިން މަނިކުފާނަށް ފެނިވަޑައިނުގެންނެވި މަންޒަރެއްގެ ވާހަކަ ދަންނަވާލާނަމެވެ. މަނިކުފާނެވެ. ހިތަދޫ މަސްމާރުކޭޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެތަނާއި އިންވެގެން ހުރި 'ލޯކަލް މާރުކޭޓް' ގެ ގޮތުގައި ހެދި އިމާރާތް މީގެ ކުރިން އެތަން ކުއްޔަށް ނަގައިގެން އުޅުނު ފަރާތުން ވަނީ ވީރާނާކޮށްލާފައެވެ. މަގުމަތީގައި މަސް ވިއްކަން ތިބުން ސިޓީ ކައުންސިލުން ވަނީ އަހަރުމެންނަށް މަނާކޮށްފައެވެ.
ހިތަދޫ އެކަންޏެއް ނޫނެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަކަށް ވެސް މަސްމާރުކޭޓެއް ނެތެވެ. ހުޅުދޫ އާއި މީދޫގެ ހާލަކީ ވެސް މިއީއެވެ.
މަސްވެރިންނާއި ބައްދަލުކުރައްވައި މަނިކުފާނު ވަނީ ފޮނި ހުވަފެންތަކެއް ދައްކަވާފައެވެ. އުއްމީދުތައް އާކޮށް ދެއްވާފައެވެ. އެހެން ނަމަވެސް މަނިކުފާނު ވަނީ އަހަރުމެންނަށް އޮޅުވާލަން ވެސް މަސައްކަތްޕުޅު ކުރައްވާފައެވެ. އެކަމެއް މަނިކުފާނަކަށް އިރާދަކުރެއްވިއްޔާ ކާމިޔާބެއް ނުވާނެއެވެ.
ދަންނަވަންތޯއެވެ. އަހަރުމެންނަކީ ދިވެހިރާއްޖެއަށް އުފަންވެ ދިވެހި ކަނޑުމަސް ކައިގެން، ބޮޑުވި ދިވެހި މަސްވެރިންނެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް ތަފާތު ފޯރަމްތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައި ނުވިޔަސް އަހަރުމެންނަށް މާތް ރަސްކަލާނގެ ދެއްވި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯ މަސައްކަތް ކުރަމެވެ.
މަނިކުފާނަކީ އަހަރުމެން މަސްވެރިންގެ މިނިސްޓަރެވެ. މަނިކުފާނުގެ މަސައްކަތަކަށް ވާންޖެހެނީ މަސްވެރިންގެ ހެވާއި ލާބައަށް ޓަކައި މަސައްކަތް ކުރެއްވުމުވެ. އެއްގޮތަކަށް ވެސް އޮޅުވާލަން މަސައްކަތް ކުރުމެއް ނޫނެވެ.
އަހަރުމެންނަށް އޮޅުވާލަން މަސައްކަތް ނުކުރައްވާށެވެ. އަހަރުމެން އޮޅިގެންނެއް ނޫޅެމެވެ. އަހަރުމެންނަށް އޮޅުވާލަން މަސައްކަތް ކުރައްވަނީ ހަމަ މަނިކުފާނެވެ.