އާދީއްތަ ދުވަހުގެ ރޭ ސ. ފޭދޫ އަތިރީގޭގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ޕީސީއެކްސް ސައިކަލް އަންދާލީ ، ތަފާތު އިންޒާރު ތަކެއް ދިނުމަށް ފަހު ކަމަށް ސައިކަލްގެ ވެރިފަރާތުން ބުނެފިއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ސައިކަލްގެ ވެރިފަރާތްކަމަށްވާ އީމާން ބުނީ އޭނާއަށް ފޭދޫން އިންޒާރު ތަކެއް ދެމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.
"މީގެ ވެގެން އުޅޭ ގޮތަކީ މިކޮޅު ފިހާރައެއްގެ ޑެލިވަރީގައި އުޅޭ ބިދޭސީއަކާއި ޖެހުނު މައްސަލައެއްގައި އެ ފިހާރައިގެ ވެރިން އިންޒާރު ދެމުން އަންނަނީ. އެމީހުން ބުނީ ތީ ރަށުން ބޭރުން އަރާ ހުރި މީހެކޭ. އެކަން ދައްކާލާނަމޭ" ގަން ފްލައިން ސްކޫލުގައި ޕައިލެޓް ޓްރައިނިން ހަދަމުން އަންނަ އީމާން ބުންޏެވެ.'
އީމާން ބުނީ މީގެ ކުރިން ސައިކަލްގެ ބައެއް ވައިރުތައް ބުރިކޮށްލައިގެން ވެސް ސައިކަލަށް ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އަތިރީގޭގެ ގޯތި ތެރޭގައި ސައިކަލް ބަހައްޓާފައި ވަނިކޮށް ރޯކޮށް އަންދާލާފައިވަނީ އރޭ ދަންވަރު 1:30 ހާއިރުއެވެ. މިހާދިސާގައި ސައިކަލްވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ.
އީމާން ބުނީ ސައިކަލް ރޯކޮށް އަންދާލުމަށްފަހު، އޭނާ އާއި ބެހޭ ގޮތުން ހަގީގަތާއި ހިލާފް ވާހަކަތައް ފަތުރަމުންދަނީވެސް އެފަރާތުން ކަމަށެވެ.
"އެއްވެސް އަންހެން ކުއްޖެއްގެ މައްސަލައެއް ނޫން މިޖެހިގެން އުޅެނީ. އަންހެން ކުއްޖެއްގެ މައްސަލާގައި ނޫން ސައިކަލް ރޯކޮށްލީ. ފިހާރައިގެ ވެރިން އިންޒާރު ދިނުމަށްފަހު މިކަމެއް ކޮށްފައި މިއޮތީ."
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ގަން ސްޓޭޝަނުން މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.