ފީފާ އިން ކޮންމެ އަހަރަކު ބާއްވާ ބެލޯން ޑިއޯރ ރަސްމިއްޔާތުގައި ފަސްވަނަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބާސެލޯނާގެ ފޯވާޑް ލިއޯ މެސީ ހޯދައިފިއެވެ.
ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ޓީމްމޭޓް ނޭމާ އާ ވާދަކޮށް 2015 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދައިފައި ވަނީ ދުނިޔޭގެ އެކި ގައުމު ތަކުގެ ފުޓުބޯޅައިގެ އެކިއެކި ދާއިރާތަކުގެ މީހުންގެ %41.33 ވޯޓް ލިބިގެންނެވެ. %27 ލިބިގެން ރޮނާލްޑޯ ދިޔައީ މިފަހަރު ދެވަނައަށެވެ. ތިންވަނަ ލިބުނު ބާސެލޯނާ އަދި ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އަށް ލިބިފައިވަނީ %7 ވޯޓެވެ.
5 ވަނަ ފަހަރަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން އެއީ ވަރަށް ފަޚުރުވެރި ޝަރަފެއް ކަމަށް މެސީ ވަނީ ބުނެފައެވެ. ފާއިތުވެދިޔަ ދެއަހަރު އޯޑިއެންސްގައި ހުރެފައި ކްރިސްޓިއާނޯ މިމަގާމު ހޯދުމަށްފަހު އަލުން މިމަގާމަށް އާދެވުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމުގައެވެ.
ބާސެލޯނާއިން 5 ތަށި ކާމިޔާބުކުރި 2015 ވަނަ އަހަރަކީ މެސީގެވެސް އެންމެ ކާމިޔާބު އެއް އަހަރެވެ. އެހެންކަމުން އޭނާއަށް ލިބުނު މިއެވޯޑަކީ އޭނާ އަށް ހައްގު އެވޯޑެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ރޭގައި ދިން އިތުރު އެވޯޑް ތަކަށް ބަލާއިރު ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް އެމެރިކާގެ ކާލި ލޮއިޑް ވަނީ ހޮވިފައެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން ކާލި ބުނެފައިވަނީ މިއީ ގައުމީ ފުޓުބޯޅަ ޓީމާ ގުޅުނު ފަހުން އޭނާ ދެކެމުން އަންނަ ވަރަށް ފޮނި އުއްމީދެއް ކަމަށެވެ. އަދި އޭނާއާ ވާދަކުރި ސީލިއާ އަދި އަޔާ، ދެކުޅުންތެރިންނަކީވެސް ނުހަނު ހުނަރުވެރި އަދި މަގާމަށް އެކަށީގެންވާ ދެކުޅުންތެރިން ކަމުގައެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ފިފްޕްރޯ ދުނިޔޭގެ ގަދަ އެގާރަވެސް ރޭގައި ވަނީ އިއުލާން ކޮށްފައެވެ.
މެސީ، ރޮނާލްޑޯ އަދި ނޭމާގެ އިތުރުން ގަދަ އެގާރައިގައި ހިމެނިފައިވާ ކުޅުންތެރިންނަކީ:
ގޯލު ކީޕަރ: މެނުއަލް ނޮއާ
ޑިފެންސްލައިން: ތިއާގޯ ސިލްވާ، ސާޖިއޯ ރާމޮސް، މާސެލޯ، ޑެނި އަލްވެސް
މިޑްފީލްޑް ލައިން: ޕޮގްބާ، އަންދްރެސް އިނިއެސްޓާ، މޮޑްރިކް
ފޯވާޑް ލައިން: މެސީ، ކްރިސްޓިއާނޯ، ނޭމާ
2015 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް
ބާސެލޯނާ އަށް 5 ތަށި ކާމިޔާބުކޮށްދިން ލުއިސް އެންރީކޭ ވަނީ ހޮވިފައެވެ.
އަންހެން ޓީމެއްގެ 2015 ވަނަ އަހަރުގެ ކޯޗަކަށް ހޮވިފައިވަނީ އެމެރިކާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޖިލް އެލިސްއެވެ.
އެންމެ ރީތި ގޯލު ލިބިފައި ވަނީ ބްރެޒިލްގެ ވެންޑެލް ލީރާ އަށެވެ.