މިހާރު އައްޑޫ ސްޓޭޑިއަމްގައި ކުރިއަށްދާ މިނިވަން 50 ޗެމްޕިއަންޝިޕް ފައިނަލް ބުރުގައި ފޭދޫ އަދި ލ. ގަން ކުޅޭ މެޗް މިއަދު ހަވީރު ކުޅޭނެއެވެ.
ފޭދޫ ޓީމް ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ގދ. ފަރެސް މާތޮޑާއާއި ބައްދަލުކޮށް 1-1 ލަނޑުން އެއްވަރުވެފައެވެ. ލ. ގަން ވަނީ ވ. ކެޔޮދޫ އާއި ބައްދަލުކޮށް 2-0 ލަނޑުން މޮޅުވެފައެވެ. އެހެންވެ މިއަދު އެޓީމް ފޭދޫ އާއި ބައްދަލު ކުރަން ނިކުންނަނީ 3 ޕޮއިންޓާއި އެކުއެވެ.
4 ޓީމް ވާދަކުރާ މި މުބާރާތުގައި އިއްޔެ ވ. ކެޔޮދޫ އާއި ގދ. ފަރެސްމާތޮޑާ ބައްދަލު ކުރި މެޗް 4-1 ލަނޑުން ކާމިޔާބް ކުރީ ގދ. ފަރެސް މާތޮޑާ ޓީމުންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވ. ކެޔޮދޫންނެވެ. ނަމަވެސް ކެޔޮދޫ ލަނޑެއް ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަރެސް މާތޮޑާއިން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުތަރަމަ ހާފް ނިމިގެން ދިޔައީ 1-1 ލަނޑުން އެއްްވަރުވެ އޮވެ އެވެ. ދެވަނަ ހާފްގައި ފަރެސް މާތޮޑާއިން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު 3 ލަނޑު ޖަހައި މޮޅުވެފައެވެ.