މިހާރު ކުރިއަށްދާ މިނިވަން 50 ޗެމްޕިއަންޝިޕް ފައިނަލް ބުރުގައި އިއްޔެ ހަވީރު ލ. ގަމާއި ސ.ފޭދޫ ބައްދަލު ކުރި މެޗް 3-2 މޮޅުވެ މުބާރާތުގެ ސެމީއާއި ގާތަށް ފޭދޫ ޓީމުން ޖެހިލައިފިއެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ލ. ގަމުންނެވެ. ނަމަވެސް ކުޑައިރު ކޮޅެއްގެ ތެރޭގައި ފޭދޫން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ލަނޑުން އެއްވަރުވެ އޮވެއެވެ.
ދެވަނ ހާފް ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ލ. ގަމުން 2 ވަނަ ގޯލް ޖަހައި އަނެއްކާވެސް ލީޑްނެގިއެވެ. ނަމަވެސް ފޭދޫގެ ކުޅުން ވަރުގަދަކޮށް ލ. ގަމުގެ ޑިފެންސަ ބާރު ބޮޑު ކުރަމުން ދިޔައެވެ. ނަތީޖާއަކަށްވީ ފޭދޫން އިތުރު 2 ލަނޑު ޖަހައި ލީޑް ނެގުމެވެ.
މި މެޗްގައި ފޭދޫ ޓީމަށް ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެގެން ދިޔަތަން ފެިގެން ދިޔައެވެ. ހާއްސަކޮށް ފޭދޫ ޓީމްގެ ފޯވާޑް އިބްރާހިމް މަހުދީ (އިއްބެ) އާއި އެޓީމްގެ ބިދޭސީ ކުޅުންތެރިއާ ޖޯޖްއަށް ލިބުނު ގިނަ ފުރުސަތު ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ކޮންމެ ޓީމެއް ދެ މެޗް ކުޅެފައިވާ އިރު ފޭދޫ ޓީމާއި ފަރެސް މާތޮޑާއަށް 4 ޕޮއިންޓްލިބިފައިވާ އިރު ގޯލް ތަފާތުން ގްރޫޕް ކުރީގައި އޮތީ ފަރެސް މާތޮޑާއެވެ. ލ. ގަމަށް 3 ޕޮއިންޓް ލިބިފައިވާ އިރު ވ. ކެޔދޫ ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފައެވެ.
މި މުބާރާތުގައި ފޭދޫ ދެން ވާދަ ކުރާނީ ވ. ކެޔޮދޫއާއިއެވެ. ފަރެސް މާތޮޑާ އާއި ލ. ގަމު މެޗަކީ ފޯރި ގަދަވާނެ މެޗެއް ކަމަށް ގަބޫލް ކުރެވެއެވެ.