އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ އެމީހުން ވެއްޓިފައިވާ ފުން ވަޅުގަނޑުން ސަލާމަތް ވުމަށް ކުރަމުން އަންނަ ދަތުރުގައި އަނެއްކާވެސް ހުރަހަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިދިޔަ ހަފްތާގައި ވެސްޓް ބްރޮމް އާ ކުޅެ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެފައި ވަނިކޮށް ރޭ އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗް ވެސް ނިމުނީ 3-3 އިން އެއްވަރުވެގެން ނެވެ.
ފޫހި ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ނަމަވެސް މެޗްގެ 2 ވަނަ ހާފް ފަށައިގެން 50 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ފެނިގެންދިޔައިރު މިގޯލަކީ ޗެލްސީގެ ކެޕްޓަން ޖޯން ޓެރީގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެ ގޯލަށް ފަހު އޭގެ ހަ މިނެޓު ފަހުން ކެވިން މިރަލަސް ވަނީ އެވަޓަން އަށް ލީޑު ފުޅާކޮށްފައެވެ.
މި މެޗްގައި ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އެވަޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޯވާޑް، ޑިއެގޯ ކޯސްޓާއެވެ. އޭގެ ދެ މިނެޓު ފަހުން ފެބްރިގަސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗްގެ 90 ވަނަ މިނެޓުގައި އެވަޓަންގެ ރަމިރޯ ވަނީ ގޯލު ޖަހައި އެވަޓަން އަށް މެޗުގެ ދެވަނަ ފަހަރަށް ލީޑު ނަގާ ދިނެވެ. ރަމިރޯގެ ލަނޑު ޖެހިތާ މިނެޓެެއް ވެސް ނުވަނީސް ޗެލްސީ ކެޕްޓަން ޖޯން ޓެރީ ވަނީ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ މިހާރު ލީގު ތާވަލުގައި އޮތީ 25 ޕޮއިންޓާއެކު 14 ވަނައިގައެވެ.