އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެޓީމު، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލް ބައްދަލު ކުރި މެޗު 0-1 ގެ ނަތީޖާ އަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާ ތަކެއް ފޮނުވި ނަމަވެސް ލިވަޕޫލް ކުޅުންތެރިއަކަށް ޔުނައިޓެޑް ގެ ކީޕަރު ޑޭވިޑް ޑެހެއާ ކޮޅަށް ގޯލެއް ޖެހުމަށް ވަނީ ނާކާމިޔާބުވެފައެވެ.
ލަނޑެއް ނުޖެހި މެޗުގެ ފުރަތަމަ ހާފު އެއްވަރުވެ ނިމުނު ނަމަވެސް ފުރަތަމަ ހާފުގައިވެސް ލިވަޕޫލް ކުޅުންތެރިން ވަނީ ގޯލަށް ހަމަލާ ތަކެއް ފޮނުވާފައެވެ. ނަމަވެސް ޔުނައިޓެޑު ފުރަތަމަ ހާފު ނިންމާލީ ގޯލާ އަމާޒަށް ހަމަލާ އެއް އުފައްދާ ނުލައެވެ.
މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު 78 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ވޭން ރޫނީއެވެ.
މިއީ 2016 ވަނަ އަހަރުގައި ރޫނީ 4 މެޗުން ކާމިޔާބުކޮށްދިން 5 ވަނަ ގޯލެވެ. އަދި މިގޯލާއެކު އޭނާ ވަނީ އެއް ޓީމެއްގައި ހުރެގެން އެޓީމަކަށް ޕްރިމއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެފައެެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑް އަށް 176 ގޯލު ކާމިޔާބު ކޮށްގެންނެވެ.
މި ލިސްޓުގެ އެއްވަނައިގައި ކުރިން އޮތީ އާސެނަލްގެ ތަރި ތިއެރީ އޮންރީ އެވެ. އޭނާ ވަނީ އެޓީމަށް 175 ގޯލު ކާމިޔާބުކޮށްދީފައެވެ.
ރޭގައި އާސެނަލް އަދި ސްޓޯކް ސިޓީ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައެވެ.
މިމެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވީ ނަމަވެސް ދެޓީމުގެ ކުޅުންތެރިންވެސް ވަނީ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާފައެވެ. ނަމަވެސް ދެ ޓީމުގެ ކީޕަރުން ވެސް ވަނީ ބަލިވުމުން ޓީމު ސަލާމަތް ކޮށްދީފައެވެ.
މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު އާސެނަލް ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެެވެ. ނަމަވެސް އާސެނަލް އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލެސްޓާ ސިޓީ އަށް ވެސް ވަނީ 44 ޕޮއިންޓު ލިބިފައެވެ. މެންޗެސްޓާ ސިޓީ މިހަފްތާ ބަންދުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ 43 ޕޮއިންޓާއެކުއެވެ.
39 ޕޮއިންޓާއެކު ސްޕާސް 4 ވަނައިގައި އޮތް އިރު މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ 5 ވަނަ އަށް އަރާފައެވެ. މިހާރު ޔުނައިޓެޑަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.
މިރޭގެ މެޗުން ބަލިވި ލިވަޕޫލް އޮތީ 9 ވަނައިގައި 31 ޕޮއިންޓާއެކުއެވެ.