ރަފާ ބެނިޓޭޒް މަގާމުން ވަކިކޮށް އެ ޓީމުގެ ކުރީގެ ތަރި ޒައިނެދިން ޒިދާން ރިއަލް މެޑްރިޑްގެ މެނޭޖަރު ކަމާއި ހަވާލުވި ފަހުން ކުޅުނު ދެވަނަ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ކުރީ މެޗުފަދައިން މިމެޗުގައިވެސް ރިއަލް އިން ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ. ތާވަލުގެ 19 ވަނައިގައި އޮތް ސްޕޯޓިން ގިޖޮން އާ ވާދަކޮށް ރިއަލް މެޑްރިޑް މޮޅުވީ 1-5 ގެ ނަތީޖާ އަކުންނެވެ.
މިމެޗުގެ ކުރީކޮޅުގައި ރިއަލް އިން ލަނޑު ޖަހައި ލީޑު ނަގާފައިވާއިރު، މެޗުގައި ރިއަލް އިން ޖެހި 5 ގޯލު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އަދި ފުރަތަމަ ހަތަރު ގޯލު ޖަހާފައިވަނީ މެޗުގެ ފުރަތަމަ 20 މިނެޓު ތެރޭގައެވެ.
7 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ބޭލް އެވެ.
9 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ލީޑު ފުޅާކޮށްދީފައިވަނިކޮށް 12 ވަނަ މިނެޓުގައި ބެންޒީމާ ވަނީ މެޗުގެ ނަތީޖާ 0-3 އަށް ހަދާފައެވެ. 5 މިނެޓު ފަހުން ކްރިސްޓިއާނޯ ވަނީ އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް މެޗު ޔަގީންކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް 5 ވަނަ ގޯލު ކާމިޔާބުކުރީ އަނެއްކާވެސް ކަރިމް ބެންޒީމާއެވެ.
މެޗުގައި ސްޕޯޓިންގ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު ފެނިގެން ދިޔައީ 62 ވަނަ މިނެޓުގައި އިސްމާ ލޮޕޭޒް އެވެ.
މެޗުން މޮޅުވި ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބޭލް އަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ބޭލް ގެ އަނިޔާ އާ ބެހޭގޮތުން އަދި ރަސްމީގޮތުން ބަހެއް ލިބިފައިނުވި ނަމަވެސް އޭނާ އަށް ނުކުޅެވުމަކީ ރިއަލް އަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެކެވެ