ނުރައްކާތެރި އެބޯލާ ވައިރަސްގެ ކިބައިން ސަލާމަތްވެ ދުނިޔެ ހަމަޖެހިލިތަނާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް މިވައިރަސް ފެނިފައިވާކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ޚަބަރު ދީފިއެވެ.
ބުރާސްފަތި ދުވަހު މި ވައިރަސް އިން ހުޅަނގު އެފްރިކާ ސަލާމަތް ވެފައި ވާ ކަމަށް ޑަބްލިއު އެޗް އޯ އިން ހާމަ ކުރިތާ ގަޑިއިރުތަކެއް ފަހުން އަނެއްކާވެސް މި ނުރައްކާތެރި ވައިރަސް ފެނިފައިވާ ކަމަށް ޑަބްލިއު އެޗް އޯ އިން ވަނީ އިއްލާން ކޮށްފައެވެ.
ޑަބްލިއު އެޗް އޯ އިން ވަނީ މިދިޔަ ހަފްތާގައި ހުޅަނގު އެފްރިކާގެ ސަރަހައްދަކުން 22 އަހަރުގެ އަންހެނަކު އެބޯލާއަށް އަށް ޕޮސިޓިވްވެ މަރުވެފައިކަން ކަށަވަރުކޮށްދީފައެވެ.
މި އަންހެނާއަކީ ޕޯޓް ލޮކޯގެ އަވަށެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ވެފައި އޭނާ ވަނީ އެތަނުން ކަމްބިއާ އަށް ޑިސެމްބަރު މަހު ފަހުކޮޅު ދަތުރުކޮށްފައެވެ. އަދި އޭނާ ވަނީ އެތާނގައި ޖެނުއަރީ 6 ވަންދެން މަޑުކޮށްފައެވެ. ޑަބްލިއު އެޗް އޯ ގެ އޮފިޝަލަކު ބުނެފައިވަނީ އެމީހުން ދެކޭގޮތުގައި އޭނާ ވަނީ މިދުވަސްކޮޅުގައި އެބޯލާ ޖެހިފައެވެ.
އޭނާ ވަނީ ބަލިވެގެން އާއިލާ މީހުން ކައިރިއަށް ގޮސްފައެވެ. އެމީހުން ދިރިއުޅެނީ ޓޮންކަލިލިގައެވެ. އެތާނގައި ހޮސްޕިޓަލަށް ދެއްކި ނަމަވެސް އޭރު އެބޯލާގެ ކޭސް އެއް ކަމަށް ބަލާފައެއް ނުވެއެވެ.
ދުވަހުން ދުވަހަށް ހާލު ދެރަވެ އެންމެފަހަކަށް އެމީހާ ވަނީ ނިޔާވެފައެވެ. އަދި އަންހެންމީހާ ގެ ޖަނާޒާގެ ކަންތައް ކޮށްފައި ވަނީ ފަރުވާކުޑަ ގޮތަކަށް ކަމަށްވެސް ޑަބްލިއު އެޗް އޯ ގެ އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.
މިގޮތަށް ކަންތައް ދިމާ ވުމުން ގިނަ ބަޔެއްގެ ކިބައިން އެބޯލާ ފެނިގެން ދިއުމުގެ ބިރު ވަނީ މިހާރު ހީވެފަައެވެ. އޮފިޝަލް މައުލޫމާތު ދީފައިވާ ގޮތުން 27 މީހަކު ވަނީ ޒުވާން އަންހެނާގެ ކިބައިން އެބޯލާ ފެތުރިދާނެ ކަމުގެ ލިސްޓުގައި ހިމެނިފައެވެ. ނަމަވެސް މިލިސްޓު އިތުރު ވުމުގެ ފުރަސަތު ބޮޑު ކަމަށް އޭނާ ވަނީ ބުނފައެވެ.
މިދިޔަ އަހަރު އުފައްދާފައިވާ އެބޯލާ އިން ސަލާމަތްކޮށްދޭ ވެކްސިން މިހާރު ވަނީ މިމީހުން އަދި އެމީހުންގެ ގާތް މީހުންނަށް ދީފައެވެ. އެންމެ އިސްކަން ދީގެން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މިބަލީ ދުނިޔެއަށް ފެތުރުމުން ސަލާމަތް ކުރުމެވެ.