މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވިއްކާ ޖެޓް ފިއުލް (މަތިންދާބޯޓަށް އަޅަ ތެޔޮ)ގެ އަގު 18.44 ޕަސެންޓް ހެޔޮކޮށްފިއެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދޭ ގޮތުގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މަތިންދާ ބޯޓުފަހަރަށް އޭވިއޭޝަން ފިއުލް ވިއްކާ އަގުތަކަށް ޖެނުއަރީ 18 އިން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މިއަދުން ފެށިގެން އިންޓަނޭޝަނަލް ފްލައިޓްތަކަށް ޖެޓްފިއުލް ލިޓަރެއް ވިއްކާނީ 0.51778 ޔޫއެސް ޑޮލަރު (7.98 ރުފިޔާ)އަށް ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް ޖެޓްފިއުލް ލިޓަރެއް ވިއްކާނީ 0.52984 އެމެރިކާ ޑޮލަރު (8.17 ރުފިޔާ) އަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ބާޒާރުގައި މިފަހަކަށް އައިސް ތެލުގެ އަގު ހެޔޮވަމުން ދިއުމާ ގުޅިގެން އެމްއޭސީއެލްއިން ވެސް ވަނީ އެކުންފުނިން ވިއްކާ ތެލުގެ އަގު މީގެ ކުރިންވެސް އެކިފަހަރުމަތިން ހެޔޮކޮށްފައެވެ.
އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކާ ތެލުގެ އަގު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިޓަރެއް 13.26 ރުފިޔާއަށް ހުރި ނަމަވެސް، އެ ކުންފުނިން ވަނީ އެކިފަހަރު ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ތެޔޮ ލިޓަރެއްގެ އަގު 9.78 ރުފިޔއަށް ހެޔޮކޮށްފައެވެ. މިއީ އަހަރު ދުވަހުގެ ތެރޭގައި 39.80 ޕަސެންޓްގެ އަގުހެޔޮވުމެކެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ މިފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ފާއިތުވި 12 އަހަރު ވެސް ތެލުގެ އަގުހެޔޮވެފައި ނުވާ މިންވަރަކަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ދަށަށް ގޮސްފައެވެ.