ބަންގްލަދޭޝްގެ ޝެއިޚް މުޖިއްބުރް ރަހުމާނުގެ ހަނދާނުގައި ކުޅޭ ބަންގަބަންދު ގޯލްޑް ކަޕްގެ ސެމީފައިނަލުގައި ދިވެހި ރާއްޖެ އަދި ނޭޕާލް ބައްދަލު ކުރި މެޗު 1-4 ގެ ބޮޑު ނަތީޖާއަކުން ނޭޕާލް ކާމިޔާބުކޮށްފިއެވެ.
ދިވެހި ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ސީނިއާ ކުޅުންތެރިންގެ ބައިވެރިވުމާ ނުލާ ކުޅެމުން އަންނަ މިމުބާރާތުގައި ރާއްޖެ ސެމީއަށް ގޮސްފައިވަނީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. ބަންގްލަދޭޝް އަދި ކެމްބޯޑިއާ ބަލިކޮށް ބަހުރެއިން އާ ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދިވެހި ޓީމު ކޮޅަށް ނޭޕާލް އެއް ލަނޑު ޖަހައިގެންނެވެ. ދެވަނަ ހާފުގައި ނޭޕާލް އިން ވަނީ އިތުރު 3 ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގައި ރާއްޖެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ނާޝިދު(ނާއްޓޭ)އެވެ.
މުބާރާތަށް ރާއްޖެ ޓީމު ނިކުތީ ގައުމީ ކެޕްޓަން އަލީ އަޝްފާގް، ވައިސް ކެޕްޓަން އަދި އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދުގެ އިތުރުން ތިން ވަނަ ކެޕްޓަން އަލީ އާރިފް(ބަކާ) ގެ އިތުރުން އެހެންވެސް މުހިއްމު ކުޅުންތެރިންނާ ނުލައެވެ.
މުބާރަތުން މިހާރު ކަޓާފައިވާއިރު ގައުމީ ކޯޗު ބުނެފައިވަނީ މިމުބާރާތަކީ ތަށްޓަށް ވުރެ ބޮޑަށް ތަޖުރިބާ ހޯދުމަށް ކުޅުނު މުބާރާތެއް ކަމުގައެވެ.
އަދި މިމުބާރާތުގައި ބޮޑަށް އިސްކަން ދޭނީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ތަޖުރިބާ ހޯދައިދިނުމަށް ކަމަށެވެ. އަދި މިމުބާރާތުން ލިބުނު ތަޖުރިބާއާއެކު ޓީމަށް ކުރިއަށް އޮތް ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް އިތުރު އެހީއެއް ލިބިފައިވާ ކަމަށެވެ.
މިއަދުގެ މޮޅަކީ ނެޕާލް އަށް ލިބުނު ވަރަށް ޚާއްސަ މޮޅެކެވެ. ނެޕާލް އަށް މިމެޗުގެ ކުރިން އެންމެފަހަކަށް ރާއްޖެ ބަލިކުރެވިފައި ވަނީ 1999 ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސް ގައެވެ.
އެހެންކަމުން މިއަދުގެ މޮޅަކީ ނޭޕާލްގެ ފުޓުބޯޅައިގެ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ސަފުހާ އެއް ކަން ޔަގީނެވެ.