Last Updated: November 24, 23:51
Sunday, November 24, 2024
ސިޔާސީ

އަޝްމަލީގެ "ބަދު ދުޢާ" އާއި ގުޅިގެން ދިރާގުގެ އެތައް ކަސްޓަމަރުންނެއް އުރީދޫއަށް!

ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޝްމަލީ، ސޯޝަލް މީޑީއާގައި ރައީސް ނަޝީދުއަށް ބަދު ދުއާ ކުރި މައްސަލާގައި ހިތް ހަަނުޖެހިގެން ރައީސް ނަޝީދުގެ އެތައް ސަޕޯޓަރުންނެއް ދިރާގު ހިދްމަތް ދޫކޮށް މުވާސަލާތީ ހިދްމަތްދޭ އެންމެ މަގްބޫލް ކުންފުނި އުރީދޫއަށް ބަދަލުވާން ފަށައިފިއެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތިބި އެމްޑީޕީ ސަޕޯޓަރުން ވަނީ އުރީދޫއަށް ނަންބަރު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ރައްޔިތުންގެ މަޖިލިސްގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްވެސް ވަނީ އެމަނިކުފާން 17 އަހަރުވަންދެން ބޭނުން ކުރެއްވި ނަންބަރު ދޫކޮށް އުރީދޫ ނަންބަރަކަށް ބަދަލުކޮށްފައިވާކަން އިއްލާންކޮށްފައެވެ.

ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ރައީސް ނަޝީދު ހޯމަ ދުވަހުގެ ރޭ ލަންކާ އަށް ފުރާވަޑައިގެންނެވި ހަބަރު ޝެއާ ކުރެއްވުމަށްފަހު އަޝްމަލީ އޭނާގެ ފޭސްބުކް ޕޭކްގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށާއި، ރާއްޖެ އެނބުރި ވަޑައިނުގަތުމަށް އެދޭ ކަމަށެވެ. އަދި އެ މަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ކަނޑަށް ވެއްޓުމަށް އެދޭ ކަމަށް ވެސް އޭނާ އެ ކޮމެންޓްގައި ވިދާޅުވެފައިވެ އެވެ. އަދި އެ ކޮމެންޓްތަކަށް ރައްދު ދެއްވަމުން ވަރަށް ބޮޑަށް ރައީސް ނަޝީދަށް ފާޑުވިދާޅުވެފައި ވެއެވެ.

އާޝްމަލީ ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަ ތަކާއި ގުޅިގެން ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިވަކި ފަރުދުންގެ ހިޔާލްތަކަކީ ދިރާގުގެ ބަސް ނޫން ކަމަށާއި، ދިރާގުން އެކުންފުނީގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރާ ކަމަށެވެ.

ދިރާގުގެ ބަޔާނާއި ގުޅިގެން ގިނަ ބަޔަކު ދިރާގަށް ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އިންސާނިއްޔަތާއި ހިލާފް ވިސްނުން ގެންގުޅުއްވާ ފަރާތްތައް އިސްކޮށް ތިބި ކުންފުންޏެއްގެ ހިދްމަތް ބޭނުން ނޫންކަމަށް ބުނެ ދިރާގަށް ދަނީ ފާޑު ކިޔަމުންނެވެ.

ރާއްޖޭގެ "އެއްލައްކަ ފަސްހާސް އެތައް" ބައެއްގެ ސަޕޯޓް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒު ކޮށް އަޝްމަލީ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އަޝްމަލީ ދިރާގުގެ ބޯޑުގައި ހުންނެވިހާ ދުވަހަކު އެކުންފުނީގެ ހިދްމަތް ބޭނުން ނުކުރުމަށް ގޮވާލައި ދަނީ ކެމްޕެއިން ކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ ވީހާވެސް އަވަހަކަށް ދިރާގުގެ ބޯޑުން އަޝްމަލީ ބޭރު ކުރުމަށެވެ.