"މޭޑޭ" މުޒާހަރާ ބޭއްވި ދުވަހު އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާއަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި ކަމަށް ޕީޕީއެމްގެ މަޖިލިސް މެންބަރަކު ބުނެފިއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޕީޕީއެމްގެ މަޖިލިސް މެންބަރު ވިދާޅުވި ގޮތުގައި، "މޭޑޭ" މުޒާހަރާގެ ބައިވެރިންގެ އަދަދު ގިނަ ކަމުން، ޚުދު ރައީސް ޔާމީން އަމިއްލަފުޅަށް މަޝްވަރާތަކަށް ވަޑައިގަތުމަށް ނިންމެވި ކަމަށެވެ.
"ޤައުމުގެ އެތައް ހާސް ރައްޔިތުން ނިކުމެ އަޑު އުފުލީމާ، ރައީސް އަށް ޖެހިވަޑައިގަންނަވާނެ ދެއްތޯ އަޑުއަހަން. ރައީސް އެގޮތަށް ނިންމެވި. ނަމަވެސް އެކަން އިއުލާން ކުރުމުގެ ކުރިން އެހެން ކަންތައްތަކެއް ހިނގާ ދިޔައީ." މެންބަރު ވިދާޅުވިއެވެ.
މަޖިލިސް މެންބަރު އިތުރަށް ވިދާޅުވި ގޮތުގައި، މުޒާހަރާ އިން ސަރުކާރަށް ކުރިމަތިވި ޕްރެޝަރު މައިތިރި ކުރެއްވީ އަދީބު ކުޅުއްވި ރޯލުގެ ސަބަބުން ކަމަށެވެ.
"އަދީބު ހަމަ ހަގީގަތުގައި ވެސް އެދުވަހު މުޒާހަރާ 'ފަނި' ކޮށްލެއްވި ބޭފުޅަކީ. ސަރުކާރަށް ކުރިމަތިވި ޕްރެޝަރު އެބޭފުޅާ މައިތިރި ކުރެއްވީ.. އެބޭފުޅާގެ ޓެކްޓިކްސް. ސަރުކާރުން މިހާރު އަދީބު އާއި އެ ޓެކްޓިކްސް މިސްވާނެ "
އަދީބު ގެންގުޅުއްވި "ޓެކްޓިކްސް" އަކީ ހަމަނުޖެހުން އުފެއްދުންތޯ ސުވާލުކުރުމުން، މެންބަރު ވިދާޅުވީ އެހެން ކަމަށް ވެސް "ވެދާނެ" ކަމަށެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން ސީދާ ވަކި އެއްޗެއް ވިދާޅުވާން އެބޭފުޅާ ވަނީ ދެކޮޅު ހައްދަވާފައެވެ.
ރައީސް ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެބޭފުޅާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި "މޭޑޭ" ގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އުފުލާފައިވާ ދައުވާ ވެސް ހިމެނެއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ ޝަރީޢަތުގެ އަޑުއެހުމެއްގައި އެބޭފުޅާވެސް ވަނީ "މޭޑޭ" ގައި ރައީސް އަބްދުﷲ ޔާމީން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.
"މޭޑޭ"ގެ މުޒާހަރާ އަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާކަން ފާހަގަކޮށްލެވެއެވެ.