Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

އުމަރުގެ މައްސަލަ ޕީޖީން އަނބުރާ ފުލުހަށް ފޮނުވާލި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް!!

ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒަށް ވަނުމަށް ގޮވާލި މައްސަލާގައި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިި މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލުމާއި ގުޅިގެން އަމިއްލަ ފަރާތަކުން އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުމަރުގެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް "އެކި ގޮތްގޮތުން ބާރުއަޅުއްވާފައިވާކަމަށް" މިހާރުގެ ޕްރޮސިކުޓާރ ޖެނެރަލް އައިޝަތު ބިޝާމް އެކަމަނާގެ އަރިސް ބައެއް ބޭފުޅުން ކައިރީގައި ވިދާޅުވެފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގަ ފާހަނގަކޮށްފައިވެއެވެ.

މީގެއިތުރުން، އުމަރުގެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ރައީސް ޔާމީންގެ ފައިބުޑަށް ވެއްޓި އާދޭސް ދަންނަވައިގެންކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެފައިވުމުން އެމައްސަލަ އަނބުރާ ގެންގޮސްފައިވަނީ ރައީސް ޔާމީންގެ އެންގެވުމަށްކަން ހާމަވެގެންދާކަމަށް ހުށަހެޅިފައިވާ މައްސަލައިގަ ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަދި ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާފައިވާކަމަށް ބެލެވޭތީ އެކަން ކަޝަވަރުކުރުމަށް ތަޙްޤީޤުކޮށްދެއްވުމަށް އެދިފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި، ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒަށް ވަންނަން ގޮވާލި މައްސަލައިގަ ދަޢުވާކޮށްފައިވާ އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލީ މިމަހު ކުރީކޮޅުގައެވެ. އެންޓިކޮރަޕްޝަނަށް ހުށަހެޅިފައިވާ މި މައްސަލައާއި ގުޅިގެން އެކޮމިޝަނުގެ ބަހެއްހޯދުމަށް އައްޑޫލައިވް އިން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތްނުވެފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން ޕްރޮސިކުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމުގައްޔާއި، އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާގޮތަށް ކަންކުރާ ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައި ހުންނަ މީހަކަށް ވެގެންނުވާނެއެވެ.