އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ފާއިތުވި އަހަރު އެންމެ މަދުން އޮފީހަށް ހާޒިރުވެވަޑައިގެންފައިވަނީ ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުޙައްމަދު (އައްދު) ކަން ކައުންސިލް އިދާރާގެ ހާޒިރީ ރިޕޯޓުން ދައްކައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް މެންބަރުންގެ ހާޟިރީ ރިޕޯޓަށް ބަލާއިރު، 2015 ވަނަ އަހަރު އޮފީހަށް ހާޒިރު ވާންޖެހޭ 245 ދުވަހުގެ ތެރެއިން ކައުންސިލަރ އަލީ މުޙައްމަދު އޮފިޙަށް ހާޒިރުވެފައި ވަނީ، 144 ދުވަހުއެވެ.
ކައުންސިލަރ އަލީ މުހައްމަދު ވަކި ސަބަބެއް ނާންގައި އޮފީހަށް 12 ދުވަހު ހާޒިރު ވެފައި ނުވާއިރު، 2015 ވަނަ އަހަރު އެބޭފުޅާ ވަނީ އާއިލީ ޒިންމާ، ސަލާމް ޗުއްޓީ އަދި އަހަރީ ޗުއްޓީ ވެސް ފުލްކޮށް ނަންގަވާފައެވެ.
ދެން އެންމެ މަދުން އޮފީހަށް ހާޒިރު ވެފައި ވަނީ، ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޙުސައިން ހިލްމީއެވެ. ހުސައިން ހިލްމީ އޮފީހަށް ހާޒިރު ވެފައިވަނީ 156 ދުވަހުއެވެ. ސަލާމުގެ ގޮތުގައި ހުސައިން ހިލްމީ 10 ދުވަހުގެ ޗުއްޓީ ނަންގަވާފައި ވާއިރު، އަހަރީ ޗުއްޓީ 40 ދުވަސް އަދި އާއިލީ ޒިންމާގެ ގޮތުގައި 20 ދުވަސް އަދި ރަސްމީ ބޭނުމުގައި ރަށުން ބޭރުގައި 44 ދުވަސް ހޭދަ ކުރައްވާފައި ވެއެވެ.
ޑެޕިއުޓީ މޭޔަރ އަބްދުﷲ ތޮއްޔިބު ވެސް ފާއިތުވި އަހަރު އޮފީހަށް ހާޒިރުވެފައިވަނީ 167 ދުވަހުއެވެ. ސަލާމުގެ ޗުއްޓީގައި 10 ދުވަސް އޮފީހަށް ހާޒިރުނުވެ ހުންނެވި އިރު އަހަރީ ޗުއްޓީ 40 ދުވަސް އަދި އާއިލީ ޒިންމާ ޗުއްޓީ 20 ދުވަސް ނަންގަވާފައިވެއެވެ. މީގެ އިތުރުން ރަސްމީ ބޭނުންތަކަށް ރަށުން ބޭރުގައި 8 ދުވަސް ތޮއްޔިބު ވަނީ ހޭދަކުރައްވާފައެވެ.
ފޭދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރ އަލީ ފަހުމީ ފާއިތުވި އަހަރު އޮފީހަށް ހާޒިރުވާން ޖެހޭ 245 ދުވަހުގެ ތެރެއިން 216 ދުވަހު ވަނީ އޮފީހަށް ނިކުންނަވާފައި ވެއެވެ. ސަލާމުގެ ޗުއްޓީގައި 5 ދުވަހު ހުންނެވި އިރު އަހަރީ ޗުއްޓީގެ ގޮތުގައި 19 ދުވަސް ވަނީ ނަންގަވާފައެވެ. އަދި ރަސްމީ ބޭނުމުގައި 5 ދުވަސް އެބޭފުޅާ ރަށުން ބޭރުގައި ހޭދަކުރައްވާފައި ވެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފް 2015 ވަނަ އަހަރު 5 ދުވަހެއްގައި ސަލާމުގެ ޗުއްޓީ އަދި 25 ދުވަސް އަހަރީ ޗުއްޓީގެ ގޮތުގައި ނަންގަވާފައި ވާއިރު، ޖުމްލަ ހާޒިރު ވާން ޖެހޭ 245 ދުވަހުގެ ތެރެއިން 208 ދުވަހު ވަނީ އޮފީހަށް ނިކުންނަވާފައެވެ. ފާއިތުވި އަހަރު 6 ދުވަހުގެ މުއްދަތަކަށް، ރަސްމީ ބޭނުންތަކުގައި ކައުންސިލަރ ޔަސްރިފް ހޭދަކުރައްވާފައިވެއެވެ.
ފާއިތުވި އަހަރު ކައުންސިލްގެ މެންބަރުންގެ ތެރެއިން ހާޒިރީއަށް އެންމެ ފަރުވާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ، މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) އެވެ. ހާޒިރުވާންޖެހޭ 245 ދުވަހުގެ ތެރެއިން 237 ދުވަހު ސޯބެ އޮފީހަށް ނިކުންނަވާފައި ވާއިރު އެބޭފުޅާ އޮފީހަށް ހާޒިރު ނުވި 8 ދުވަހަކީ ރަސްމީ ބޭނުންތަކުގައި ރަށުން ބޭރުގައި ހޭދަ ކުރެއްވި މުއްދަތެވެ.