ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ލަގެޖުން ރާފުޅިއެއް ފެނުނު މައްސަލައިގެ ޝަރީޢަތްތައް ފެށިގެން މާގިނަ ދުވަސްތަކެއް ނުވެ ސިޔާމުގެ ފަރާތުން އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އެދުނެވެ.
ސިޔާމު އަމިއްލަފުޅަށް ސޮއި ކުރައްވައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުގެ ބޭރުން އަމަލު ކުރައްވަފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމާއި އަތާއި މޫނުގެ އިޝާރާތުން އެގޮތަށް ދޭހަވާ ގޮތްތަކެއް ހުރުމުން އެ ޝަކުވާ އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް ވެސް ގެންގޮސްފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން އެކަމާ ގުޅިގެން އެ ގާޒީ ސިޔާމާ މެދު ނުރުހުންތެރިވެ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހަރުކަށި އަދަބެއް އިއްވަފާނެ ކަމަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ވެސް ސިޔާމުގެ ސިޓީގައި ބުނެފައި ވެއެވެ.
މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އެދި ސިޔާމުގެ ފަރާތުން އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭރު ސިޔާމުގެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒުގެ ބަދަލުގައި އެ މައްސަލަ ބައްލަވާނީ، އިސް ގާޒީ އަބްދުﷲ މުހައްމަދު ކަމުގައި ވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ހަމަޖައްސާފައި ވަނީ ސަމީރު ބަދަލުކޮށް ދިނުމަށް އެދި ސިޔާމް، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް ފޮނުއްވި ސިޓީއާ ގުޅިގެން، ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވި ފަހުންނެވެ.
މިހާރު ވެސް އުފެދިގެން މިއުޅެނީ ހަމަ އެފަދަ މައްސަލައެކެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ބަދަލުކޮށްދިނުމަށް އެދި އެބޭފުޅާގެ ވަކީލުން މިވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
ސިޔާމު ވިދާޅުވި ފަދައިން "ގާނޫނުގެ ބޭރުން އަމަލު ކުރައްވަފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމާއި އަތާއި މޫނުގެ އިޝާރާތުން އެގޮތަށް ދޭހަވާ ގޮތްތަކެއް" ނުދެއްކެވި ނަމަވެސް އިމްރާންގެ މައްސަލަ ބައްލަވާ ގާޒީ ބާރީ ވަނީ އެ މައްސަލައިގައި ހެކި ހުށަހެޅުމުގެ މާކުރިން "ގޮތެއް ނިންމަވައިގެން ހުރިކަމަށް" ވިދާޅުވެފައެވެ.
އިމްރާންގެ ޝަރީޢަތުގެ މަޖިލީހުގައި ގާޒީ ބާރީގެ ފަރާތުން ފެނުނު "އާދަޔާޚިލާފު" ކަންތަކުގެ ވާހަކަ ގެނެސްދިން ނޫސްވެރިންނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވުމަށް ފަހު އަނެއްކާވެސް "ހަވާ ފަޓާސް ބަރިއެއް" ހެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމުގައި އިމްރާން އަށް އިންސާފު ލިބިދާނެތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް އަބްދުލް ބާރީ ޔޫސުފް ހިމެނިވަޑައިގެންނެވި އެވެ.
އަބްދުލް ބާރީ ޔޫސުފް ހުންނަވައިގެން އިންސާފުވެރިކަމާއި އެކު އިމްރާންގެ ޝަރީޢަތް ކުރިއަށް ގެންގޮސްފާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދާ ސަބަބުތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި 2014 ވަނަ އަހަރު އަބްދުލް ބާރީ ޔޫސުފް ބެއްލެވި މަސްތުވާތަކެތީގެ ބޮޑެއްގެ މައްސަލައެއްގެ އަޑުއެހުމެއް ގެއްލުވާލުން ހިމެނެއެވެ. އަޑު އެހުން ގެއްލުވާލިކަން އެނގިފައިވަނީ، ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. [ގާޒީ ބާރީ ގެއްލުވާލި އަޑުއެހުން]
މީގެ އިތުރުން 2013 ވަނަ އަހަރުގެ ތެރޭގައި ޕީޖީ އޮފީހުގެ ވަކީލަކު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ޖޭއެސްސީ އިން ވަނީ މުއްދަތެއް ނެތް ގޮތަށް ގާޒީ ބާރީ ސަސްޕެންޑް ވެސް ކޮށްފައެވެ. އޭގެ ފަހުން ގާޒީ ބާރީ ކޯޓުގެ މަސައްކަތަށް ނިކުމެފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައިގެން ނުވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކަންތައް ހިނގަމުން ދަނީ އިންސާފުވެރިކަމާއި އެކުގައި ނަމަ ސަންޓްރެވެލް ސިޔާމުގެ މައްސަލަ ބެއްލެވި ގާޒީ ބަދަލުކޮށްދިން ގޮތަށް އިމްރާންގެ މައްސަލަ ބައްލަވާ ގާޒީ ބާރީ ވެސް ބަދަލުކޮށްދޭން ޖެހެއެވެ.