ހައްގު ބަސް ވިދާޅުވަމުން ގެންދަވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ނެތިކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަލީމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މި ގޮތަށް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ކުރީގެ ނައިބު ރައީސް ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޝެއިޙް އިމްރާންގެ މައްޗަށް ހިންގަނީ ސިޔާސީ ޝަރީޢަތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ޝެއިހް އިމްރާންގެ މައްޗަށް ސިޔާސީ ޝަރީޢަތެއް ކުރެއްވުމުގެ ބޭނުމަކީ އިމްރާން ފަދަ ޙައްގު ބަސް ވިދާޅުވާ މަޝްހޫރު ދީނީ އިލްމުވެރިން ނެތިކޮށްލުން ކަމަށެވެ.
ސިޔާސީ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ޝަރީޢަތްތަކަށް އިޝާރަތް ކުރައްވާ ޖަމީލް ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދު އާއި އެހެނިހެން ސިޔާސީ ހައްޔަރީންގެ މައްޗަށް ހުކުމް ކުރެއްވި ގާޒީންނަން ސަރުކާރުން ވަނީ މަގާމުގެ ކުރިއެރުން ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ޝެއިހް އިމްރާންގެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ސަރުކާރުން ބޭނުންވާ ގޮތަށް މައްސަލަ ނިންމައިފިނަމަ އެފުރުސަތު އޮންނާނެ ކަމަށް ދޭހަވާ އިޝާރާތެއް ވެސް ޑރ. ޖަމީލް ވަނީ ކުރައްވާފައެވެ.
ޝެއިހް އިމްރާން އާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ އުފުލާފައި ވަނީ މޭޑޭ މުޒާހަރާގެ ތެރޭގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކަކީ ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ފަދައިން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށާއި އެވާހަކަތަކުގެ ނަތީޖާއެއް ގޮތުން އެރޭ މާލޭގައި ހަމަ ނުޖެހުންތަކެއް ހިނގާ، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓް ނަގައި ނައިބު ރައީސްގެ މަގާމުން ދުރުކޮށްފައިވާ ޑރ، ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.