Last Updated: November 24, 19:19
Sunday, November 24, 2024
ޚަބަރު

"ރައީސް ޔާމީނަށް އިތުރުފުޅު ހެއްދެވުނީ ލިޔުމުގައިވާ ކުށަކުން"

ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާއިލާއާއި ބެހޭ ތަސްދީގު ކުރެވި ތަންފީޒު ކުރަން ފަށާފައިވާކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އިތުރުފުޅެއް ހެއްދެވުނީ ލިޔުމުގައިވާ ކުށަކުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު ވިދާޅުވީ އެ ގާނޫނު މިހާރު ވަނީ މަޖިލީހުގެ ކޮމިޓީގައި ކަމަށާއި ނަމަވެސް ކައިވެނި ރޫޅުމުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކައިވެނި ކުރުމުގެ ކުރިން ޕްރީނަޕްޝަލް އެގްރީމެންޓް ހެދުމަށް ބާރު އެޅުމުގެ ގޮތުން ހޭލުންތެރި ކުރެވުމުގެ ޕްރޮގްރާމް މިހާތަނަށް ފިރިހެން އަދި އަންހެން ޖުލްމަ 47 ޒުވާނުންނަށް ހިންގާފައި ވާކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކައިވެނި ރޫޅިއްޖެނަމަ، ފިރިމީހާގެ ވިޔަފާރިން އަންހެން މީހާއަށް ކޮންމެވެސް އެއްޗެއް ލިބޭ ގޮތް ހަދައި ދިނުމަށް ރިޔާސީ އިންތިހާބުގައި ވައުދުވެފައި ވާނެކަމަށާއި މިހާރު އެބަދަލުތައް އާއިލާއާއި ބެހޭ ގާނޫނަށް ގެނެސްފައިވާކަމަށެވެ.

“އަޅުގަނޑުމެން މިވަނީ އާއިލާއާއި ބެހޭ ގާނޫނަށް މިއިސްލާހު ގެނެސްދެއްވާފައި. މިހާރު އެގާނޫނު އެވަނީ ތަސްދީގްކުރެވި ތަންފީޒު ކުރަން ފެށިފައި،” ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މިހާރު އެގާނޫނުގެ ދަށުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްދާ ކަމަށާއި ފުރަތަމަ ޕްރޮގްރާމް ނިމިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އާއިލާ އާއި ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙު އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީގައެވެ. އަދި ރައީސް ޔާމީން ވިދާޅުވި ހޭލުންތެރިކުރުމުގެ އެއްވެސް ޕްރޮގްރާމެއް މިހާތަނަށް ހިންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.