އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފައިވަނީ ހަނުހުރުމުގެ ޙައްޤު ބޭނުންކޮށްގެން ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އެމަނިކުފާނު މަޤާމުން ޢަޒުލުކުރަން ޖެހޭ ވަރުގެ ކަމެއް ކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް ފަހުމީ މިގޮތަށް ވިދާޅުވެފައިވަނީ ރޭ ނ.ވެލިދޫގައި އެމްޑީޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްތިޔާޒް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާ ޚިލާފް ވާހަކަތަކެއް ވެސް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ކަމަށާއި ހަޅުތާލު ކުރުމުގެ ހައްގުގެ ބޭނުން ކުރުމުން އަދަބު ދޭނެ ކަމަށް ރައީސް ވިދާޅުވުމަކީ ގާނޫނާއި ޚިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުން އެކަންކަން ބަލާ ރައީސް ޔާމިން އަޒަލު ކުރަން ޖެހޭނެ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.
" މި ވެރިކަމުގައި ހުންނަވާ ބޭފުޅާގެ ދުލުން ބޭރުކުރާ އެއްވެސް ވާހަކައެއްގައި ތެދެއް ނުވާނެ، ފެންނާނީ މުނާފިގުކަން، އެމްޑީޕީގެ ވެރިކަމުގައި ޓެކްސް ނަގައިގެން ޔާމިން ދެއްކެވި ވާހަކަފުޅު ހުންނާނެ މަޖިލީހުގައި ފެންނަން، އެކަމަކު މިއަދު މި ފެންނަނީ މުނާފިގުކަން"
މީގެ އިތުރުން އިމްތިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގާނޫނުތަކަށް ބޯލަބަން އެބަޖެހޭ ކަމަށާއި ޓެރަރިޒަމް ޖަމާއަތްތައް ކަނޑައަޅަންޖެހޭ އިރު އެކަން ވެސް ނުކުރައްވާ ކަމަށާއި އަދި ރާއްޖޭގައި ޓެރަރިޒަމް އާންމުކުރީ ވެސް ރައީސް ޔާމީން ކަމަށެވެ.