ދިވެހިރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ލަސްވާ ކަމުގެ ޝަކުވާ ހުށަހަޅަފައިފިނަމަ އެ މައްސަލައެއް ލަސްވާ ސަބަބު ބަލައި އެކަމާއިމެދު ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވައި ބުދަ ދުވަހު ނެރެނު ސާކިއުލާއެއްގަ އެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ، ރާއްޖޭގެ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށްފަހު އެ މައްސަލައެއް ބެލުން ދިގުލައިގެން ދާ ކަމަށް ފެނިއްޖެ ހިނދަކު ދައުވާ ކުރާ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ކޯޓުން ބަލާނެ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެލުމަށްފަހު އެކަމާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
މައްސަލަތައް އަވަސް ކުރުމަށް އަޅާނެ ފިޔަވަޅުތައް ވެސް ސުޕްރީމް ކޯޓުގެ ސާކިއުލާގައި ހިމަނާފައިވެއެވެ. އެ ފިޔަވަޅު ތަކުގެ ތެރޭގައި، މައްސަލަ ބަލާ ފަނޑިޔާރު ބަދަލު ކުރުމާއި ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފުދަކާ އެ މައްސަލަ ބެލުން ހަވާލު ކުރުމާއި މަގްބޫލު ސަބަބެއް ނެތި މައްސަލަ ލަސް ކޮށްފައިވާކަމަށް ފެނިއްޖެ ނަމަ އެކަމަކާމެދު ގަވައިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުން ހިމެނެ އެވެ.