Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ޝެއިޚް އިމްރާންގެ ޝަރީޢަތް ކުރިއަށް ދާގޮތާއި މެދު ޑރ. އިޔާޒް ކަންބޮޑުވުން ފާޅު ކުރައްވައިފި

ޝެއިޚް އިމްރާންގެ ޝަރީޢަތް ކުރިއަށް ދާގޮތާއި މެދު މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. އިޔާޒްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް އެތައް ދުވަހެއް ވަންދެން ޝެއިޚް އިމްރާން ހައްޔަރުކުރެވިފައިވާ ކަމަށެވެ.

ޝަރީޢަތް ނިމެންދެން ހައްޔަރުކޮށްފައި ހުންނަތާ 8 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އިމްރާންގެ މައްސަލަ ބެލުމަށް ފުރަތަމަ އެކުލަވާލި ފަނޑިޔާރުންގެ ބެންޗް އުވި އެތައް ދުވަހެއް ފަހުން އިތުރު ބެންޗެއް އެކުލަވާލެވުނު ކަމަށާއި އެކަމަކު ވެސް ޝަރީޢަތް ފެށުނީ އެތައް ދުވަހެއް ފަހުން ކަން ވެސް ޑރ. އިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

3 ފަނޑިޔާރުން ގެ ބެންޗް އަކުން އެންމެ ފުރަތަމަ ބަލަން ފެށި މައްސަލަ ކުއްލި ގޮތެއްގައި 1 ފަނޑިޔާރަށް ބަދަލުކުރެވި އަވަސް އަރުވާލާފައި ޝަރީޢަތް ނިންމަން އުޅޭ ސިފަ ޖެހިފައިވާ ކަމަށް ވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

" މިހާރު މި މައްސަލަ ބައްލަވާ ޝެއިޚް ގޭ ބަންދަށް ގެނެވުނުތާ 1 ދުވަސް ނުވަނީސް ފަންކާ އެއް ނެތް ވެންޓިލޭޝަން އެއް ނެތް، ޖަނަވާރުން ވެސް ބައިތިއްބަން ހެޔޮ ނުވާ ވަރުގެ އަދަބު ގޮޅި އަކަށް ފޮނުވާލި ފަނޑިޔާރު"

މީގެ އިތުރުން ޖެނުއަރީ 17 ވަނަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި "ތިމަންނަ މިހިރީ ގޮތެއް ނިންމައިގެން" ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ވިދާޅުވެފައި ވާތީ ޝެއިޚް އިމްރާން އަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް ޢިޝާރާތެއް ނެތް ކަން ޑރ. އިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. އިޔާޒް ވިދާޅުވެފައިވާ ގޮތުގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ އަނިޔާވެރި ކޮށް ކަންތައް ކުރެވެމުން ދާއިރު އަޅާނުލާ ކުޅި ބަލަން ތިބޭ ކޮންމެ މީހަކު ފާފަވެރި ވާނެ ކަން ޔަޤީން ކަމަށާއި އެހެން ކަމުން ކޮންމެ މީހަކު ވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން އަނިޔާވެރިކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެއެވެ.

މިބަޔާން ނިންމަވާލައްވާފައި ވަނީ ޝެއިޚް އިމްރާން އާއި އެމަނިކުފާނުގެ އާއިލާ އަށް ކެތްތެރިކަމާއި ސާބިތުކަން އިތުރުކޮށް ދެއްވުމަށާއި އަނިޔާވެރި މުޖްރިމުންގެ ކިބައިން މި ލޮބުވެތި ވަތަން މިނިވަން ކުރެއްވުން އެދި ދުޢާކުރައްވަމުން ނެވެ.