Last Updated: November 24, 18:44
Sunday, November 24, 2024
ކުޅިވަރު

އައްޑޫގެ ފުޓްބޯޅައިގެ ތާރީޚުގައި އުފާވެރި ދުވަހެއް، ފޯކައިދޫ ބަލިކޮށް ފޭދޫ ފައިނަލަށް

މިނިވަން 50 ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ށ.ފޯކައިދޫ އާއި ކުޅެ 1-5 އިން މޮޅުވެގެން މުބާރާތުގެ ފައިނަލަށް ފޭދޫ ފުޓްބޯޅަ ކްލަބް ދަތުރުކޮށްފިއެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ފޭދޫ އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ހޯދި އިރު، މިނިވަން50 ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ މެޗްގައި ފޭދޫ ޓީމް ޖެހި 5 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައި ފޭދޫ ޓީމްގެ ޒުވާން ފޯވާޑް އިބްރާހިމް މަހުދީ ހުސެއިން (އިއްބެ) ވަނީ ހެޓްރިކް ހަދާފައެވެ.
DSC_3745

ފޭދޫ ޓީމްގެ ހަތަރުވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ނިކުތް އިބްރާހިމް މުހައްމަދު (މުއްޓީ)އެވެ. ފަހު ލަނޑު އިތުރު މިނިޓްގައި ޖެހީ ފޭދޫ ޓީމަށް ކުޅޭ ފުވައްމުލަކު ފޯވާޑް އިސްމާއިލް އަލީފް އަހްމަދުއެވެ.

ފޯކައިދޫން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ޖެހީ އެޓީމްގެ އަހްމަދު ރަފީއުއެވެ.

މުބާރާތުގެ ފައިނަލް މެޗްގައި މި މަހުގެ 27 ވަނަ ދުވަހު ބައްދަލު ކުރާނީ ގދ. ފަރެސް މާތޮޑާ އާއި ސ. ފޭދޫއެވެ. މި ދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗް މިމަހުގެ 26 ވަނަ ދުވަހު ކުޅޭ އިރު އެމެޗްގައި ބައްދަލު ކުރާނީ ބ. އޭދަފުށީ ޓީމާއި ށ. ފޯކައިދޫއެވެ.

ކުޅުދުއްފުށީގައި މި ދެޓީމް ބައްދަލު ކުރި މެޗް އޭދަފުށިން ކާމިޔާބް ކޮށްފައިވަނީ 3-1 ލަނޑުންނެވެ.