ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ރޭ ހިނގި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާއިރު އަދި އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުންނާއި، ތިނަދޫގައި ތިބި ފެނަކަ މުވައްޒަފުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު މިހާދިސާގައި އިންޖީނުގޭގައި ރޯވެފައިވަނީ އޭގެ އަމިއްލަ ޒާތުގައި ކަމަށް ނުބެލެވޭ ކަމަށާއި، އެ ހާދިސާ ހިނގާފައިވަނީ ބަޔަކު މީހުން ގަސްތުގައި ކުޅަ ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
ނިމާލް ވިދާޅުވީ، މިއީ ކޮންބަޔަކު ކުރި ކަމެއްކަން ބުނަން ދަތި ކަމަށާއި އެހެންނަމަވެސް، މި އަމަލު ކުށްވެރިކުރާކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކޮށްދެއްވުން އެދި ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ބެލިބެލުމުންނާއި، ތިނަދޫގައި ތިބި އަޅުގަނޑުމެންގެ މުވައްޒަފުން ދެއްވާ މައުލޫމާތަށް ބަލާއިރު އިންޖީނުގޭގައި ރޯވެފައިވަނީ އޭގެ އަމިއްލަ ޒާތުގައި ނުވަތަ ކަރަންޓް މައްސަލައެއް ދިމާވެގެން ކަމަކަށް ނުބެލެވޭ. ބޮޑަށް ލަފާ ކުރެވެނީ މިއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް. އަޅުގަނޑުމެން މިހާރު މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިން" ނިމާލް ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުުދުﷲ ހިލްމީ ވެސް ވިދާޅުވެފައިވާ ގޮތުގައި މިއީ އަމިއްލަ އަތުގައި ކަތިވަޅިން ޖަހައި އަތްބުރިކޮށްލުން ފަދަ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަަބަބުން ގެއްލުން ލިބެނީ ވަކި ފަރާތަކަށް ނޫންކަމަށާއި މުޅި ތިނަދޫއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.