ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑޫ އަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގަމަށް ދިޔަ ސ.ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން ގަމަށް ނޭރުވުމުން އެކަމާއި ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ނުރުހުން ފާޅުކޮށްފިއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޝަރަފުއްދީން ސްކޫލްގެ ޓީޗަރަކު ބުނި ގޮތުގައި، ގަމަށް އަރާ ހިސާބުގައި ތިބި ފުލުހުން "ގަމަށް ނޭރޭނޭ ކަމަށް" ބުނެ ސްކޫލްގެ ދަރިވަރުން ގަމަށް އެރުވުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
ސްކޫލް ކުދިން އެކަނި ގަމަށް އެރުވުމަށް އެދުމުން އެކަމަށް ވެސް ފުލުހުން ހުއްދަ ނުދިން ކަމަށާއި ނަމަވެސް އެއީ ކީއްވެގެން ކަމެއް އަންގާފައި ނުވާކަމަށް 'އައްޑޫލައިވް' އާއި ވާހަކަދެއްކި ޓީޗަރު ބުންޏެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް ފުލުހުންގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ޕީޕީއެމްގެ އައްޑޫ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ބުނި ގޮތުގައި، ޝަރަފުއްދީން ސްކޫލްގެ ކުދިން ގަމަށް ނޭރުވީ، މާ ލަހުން ދިއުމުން ކަމަށެވެ.
"ރައީސް ވަޑައިގެން މީހުންނާ ސަލާމްކުރަން ފެށިފަހުން އެމީހުން ދިޔަ ކަމަށް ވަނީ. އެހެންވެ ސެކިއުރިޓީއަށް ބަލާފައި ނޭރުވީ ކަމަށް ވާނީ"
ޝަރަފުއްދީން ސްކޫލްގެ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި ރާއްޖޭގެ ރައީސަކަށް މަރުޙަބާ ދަންނަވަން ދަރިވަރުން ކިޔަވާ ގަޑީގައި ދިޔުމުން ސަލާމަތީ ސަބަބޭ ބުނެ ނޭރުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެކަމާއި ޒިންމާ ވާންޖެހޭ ފަރާތެއް ނޭނގޭ ކަމަށާއި ސްކޫލުން ގޯސްކުރަނީ ފުލުހުން ކަމަށާއި، ފުލުހުން ގޯސް ކުރަނީ ސްކޫލްގެ އިސްވެރިން ކަމަށެވެ.
" ކިޔަވާ ގަޑި މަޙްރޫމްކޮށްފައި ރައީސް އަށް މަރުޙަބާ ކިޔަން ދިޔަ ދަރިވަރުންނަށް ގަމަށް ނޭރުމަކީ ދެރަކަމެއް. ސްކޫލުން ބުނަނީ ފުލުހުންނޭ ގޯހީ. ފުލުހުން ބުނަނީ ގަޑިއަށް ނާދެވުނީއޭ. " ބެލެނިވެރިޔާ ބުންޏެވެ.