ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ސްޓޯކް ސިޓީގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ފުޓުބޯޅަ ލީގު ކަޕްގެ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސްޓޯކްގެ މާކޯ އަނުޓްރޮވިޗް ކާމިޔާބުކޮށްދިން ގޯލާއެކު ދެޓީމުގެ އެގްރިގޭޓް ސްކޯ ވަނީ 1-1 އިން އެއްވަރުވެފައެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެން އިތުރު ވަގުތުގެ ދެހާފު ނިމުނު އިރު ވެސް ނަތީޖާއަށް ބަދަލެއް ގެންނަން ދެޓީމަށްވެސް ނާކާމިޔާބުވުމުން ދެން ޖެހުނީ ފައިނަލް ޔަގީން ކުރަން ޕެނަލްޓީ ޖަހާށެވެ.
ލިވަޕޫލްގެ ޗަން ޖެހި ޕެނަލްޓީ ކާމިޔާބު ނުކުރެވުނު އިރު ކީޕަރ ސައިމަން މިންގޮލޭ ވަނީ ސްޓޯކް ގެ ދެ ޕެނަލްޓީ ސޭވް ކޮށްފައެވެ. ލިވަޕޫލް މެޗުން މޮޅުވުމަށް އެންމެ ބޮޑަށް އެހީތެރިވެފައިވަނީވެސް މިންގޮލޭ ކަން ފާހަގަކޮށްލެވެއެވެ.
ކާލިންގ ކަޕުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ނިކުންނާނީ އެވަޓަން އަދި މެންޗެސްޓާ ސިޓީ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ އޭނާ ދެކެންބޭނުން ވަނީ ލިވަޕޫލްގެ ދެ ޓީމު މިމުބާރާތުގެ ފައިނަލުގައި ކުޅޭތަން ދެކުމަށެވެ.
އެވަޓަން އަދި ސިޓީ ބައްދަލުކުރާ މެޗު އޮތީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12:45 ގައެވެ.