ގިނަ ދުވަސްތަކަކަށް ފަހު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ އިއްޔެ އައްޑޫއަށް ވަޑައިގަތުމުން، އައްޑޫއަށް ނިސްބަތްވާ އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ރަތްދަކަ އަވީގައި އެތައް އިރެއް ހޭދަކޮށްފައެވެ. އޭގެ ތެރެއިން އެއްބަޔަކު ފަތިވަރެއް ހެން ގޮވަމުން ދިޔައީ، "ޝުކުރިއްޔާ ރައީސް ޔާމީން" މިފަދައިންނެވެ.
ދާދި ފަހުން ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެފައިވާ ގޮތުގައި، އައްޑޫއަށް ރައީސް ޔާމީން އެއްވެސް ކަމެއް ކޮށެއް ނުދެއްވާނެއެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ނަން ވެސް މި ސަރުކާރުގެ އިސްވެރިން ނުކިޔާނެ ކަމަށެވެ.ނަމަވެސް އިއްޔެ ފެނުނީ، އައްޑޫ އަށް ނިސްބަތްވާ މީހުން ގޮސް "ޝުކުރިއްޔާ ރައީސް ޔާމީން" ގޮވަމުން ސަރުކާރަށް ސަނާ ކިޔަމުން ދިޔަ މަންޒަރެވެ. ނިޒާރު އާއި އިބްރާހިމް ދީދީ ވިދާޅުވާ ގޮތަށް އައްޑޫއަށް ކަމެއް ކޮށް ނުދޭއިރު އައްޑޫގެ ބަޔަކު ގޮސް އެމަނިކުފާނަށް ސަނާ ކިޔަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟
ސަބަބަކީ މިއީއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ވޯލްޑްކަޕް" ފެންވަރަށް ތަރައްޤީކޮށްފައިވާ ސްޓޭޑިއަމްގައި އެމަނިކުފާނު މެޗް ބައްލަވަން އިންނެވި އިރު، އެމަނިކުފާނުގެ ކަނާތްފަރާތުން ފެންނަން ހުރީ އައްޑޫގެ "100 އެނދުގެ ހޮސްޕިޓަލް" އެވެ. ފެންނަ ފެނުމަށް އެއީ ގަސްތައް ބޯވެފައިވާ ޖަންގައްޔެއް ކަމުގައި ވިޔަސް އެތަނުން އެފެންނަނީ އައްޑޫގައި ރައީސް ޔާމީންގެ ސަރުކާރުން ބިނާކޮށްދެއްވި "100 އެނދުގެ ހޮސްޕިޓަލް" އެވެ.
ހޮސްޕިޓަލުގައި މަލްޓި ސްޕެޝަލިސްޓުންގެ ޚިދުމަތް ހޯދަމުން ދަނީ ހަމައެކަނި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނެއް ނޫނެވެ. މިހާރު އެއީ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުންގެ އިތުރަށް ފޯޅަވަހީގައި (ޑިއެގޯ ގާސިއާ) ތިބޭ އެމެރިކާ ސިފައިން ވެސް ފަރުވާ ހޯދަން އަންނަ ހޮސްޕިޓަލެކެވެ.
ހުރިހާ ބާވަތެއްގެ އޮޕަރޭޝަންތަކެއް ކުރެވޭ "100 އެނދުގެ ހޮސްޕިޓަލް" ރަސްމީކޮށް އަދި ހުޅުވާފައި ނުވަނީ، ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ އިންތިޙާބާއި ދިމާކޮށް އެތަން ހުޅުވަން ބޭނުންފުޅުވާތީއެވެ. ހޮސްޕިޓަލް ސަރަހައްދުގައި ވަށައިގެން ހިނގައި އުޅޭ ގޮތަށް ހަމަޖައްސާފައި ވަނީ، އެ ސަރަހައްދުގެ ޓްރެފިކް ބާރު ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލަށް ދާ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށެވެ.
"100 އެނދުގެ ހޮސްޕިޓަލް" ގައި ވަޒީފާ އަދާކުރަމުން ގެންދާ ހުރިހާ ޑޮކްޓަރުންނަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުން ތަނަވަސްކޮށްދިން ފުރުސަތު ތަކުގައި ކިޔަވަން ދިޔަ އައްޑޫ އަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން ވެސް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން އެގެންދާ ހުރިހާ ސްޓާފުންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެމީހުން ހުވަފެނުން ވެސް ނުދެކޭ ފަދަ މުސާރައެއް މިއަދު އެމީހުންނަށް ލިބޭތީއެވެ.
"100 އެނދުގެ ހޮސްޕިޓަލް" އަށް އެކަނި ބަލާލުމުން ނުފުދޭނެއެވެ. ވަށައިގެން ނަޒަރު ހިންގާލުމުން ފެންނަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބިނާކުރި ކޮންވެންޝަން ސެންޓަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މަންޒަރެވެ. ކޮންވެންޝަން ސެންޓަރުގެ ތެރޭގައި ހުރި ގޮނޑިތަކުގެ ފެންވަރު ދަށްކަމަށް ފާހަގަކުރެވިގެން މިދިޔަ އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުގެ ވުޒާރާއަކުން ވަނީ އެގޮނޑިތައް މާލެ ގެންގޮސްފައެވެ. ގޮނޑިތަކުގެ އިތުރުން އެތަނަށް އެކަށީގެން ނުވާ ޓީވީ ތަކާއި ކޮމްޕިއުޓަރުތައް ވެސް ވަނީ އެތަނުން ބޭރުކޮށްފައެވެ. މިހާރު ކޮންވެންޝަން ސެންޓަރުގެ ހޯލުގެ ޖާގަ ވެސް ވަނީ ތަނަވަސް ވެފައެވެ.
ހިތަދޫ ސަރަހައްދީ ބަނދަރަށް ބަލާއިރު އެތަނުން ފެންނަން ހުރީ އެސްއީޒެޑްގެ ދެކުނު މައި ގޭޓެވެ. އިންވެސްޓަރުން ބޮޑެތި ދަބަސްތަކުގައި ޑޮލަރާއި ޔޫރޯ ހިފައިގެން ކޮންމެ ދުވަހަކު ވެސް އެ ގޭޓުން ވަންނަމުން ދަނީ، ސިއްސައިގެންދާ ފަދަ ބޮޑެތި އިންވެސްޓްމެންޓް ތަކާއި އެކުގައެވެ. މީގެ އިތުރަށް ކޮންމެ ދުވަހަކުވެސް ބޭރުގެ ބޮޑެތި ބޯޓު ފަހަރުތަކުން ބަނދަރަށް ގާތްކޮށް ޚިދުމަތް ހޯދައެވެ.
އިސްމެހެލާ ހެރަ ރިސޯޓުގެ ގޮތުގައި ތަރައްޤީ ނުވެގެން އައްޑޫ ރައްޔިތުން ކުރި ޝަކުވާތަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. އެރަށުގައި ހާހަކަށް ވުރެ ގިނަ އައްޑޫގެ ޒުވާނުން ވަޒީފާ އަދާކުރަމުން އަންނައިރު އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ކިތަންމެ ވަރަކަށް ގޮވާލި ކަމުގައި ވިޔަސް އިސްމެހެލާހެރަ ރިސޯޓަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންގެ އަދަދު ވަރަށް ގިނައެވެ. މުޅި އަހަރަށް ބަލާއިރު އެރަށުގެ އޮކިއުޕެންސީ އެވްރެޖް ގޮތެއްގައި އުޅެނީ ވެސް 95 އިން ސައްތައިގައެވެ.
ދެން ހުރީ، 2014 ވަނަ އަހަރުގެ ޑިސެމްބަރ 28 ވަނަ ދުވަހު ރައީސް ޔާމީން ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއެވެ. ރަސްމީކޮށް ހުޅުވާފައި ނުވި ނަމަވެސް މިހާރު ވެސް އެތަނުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ޓަނެއްގެ މަސް ޕްރޮސެސް ކުރަމުން ގެންދެއެވެ. އައްޑޫގެ މަސްވެރިން އެމީހުން ބާނާ މަސް ނުކުރިގެން އުޅުނު ދުވަސް މިހާރު ވަނީ މާޒީ ވެގެން ގޮސްފައެވެ. އިންޑިޔާ ކަނޑުގައި ހަރަކާތްތެރިވާ އެހެން ޤައުމުތަކުގެ މަސްވެރިން ވެސް މިހާރު ހާއްސަ ހުއްދައެއްގެ ދަށުން ގެންދަނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ކިރުވަމުންނެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިހުރިހާ ޚިދުމަތެއް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދެމުން ގެންދާއިރު، ދާދި ފަހަކާއި ޖެހެންދެން އެތަނުގެ ބިންގާ އަޅާފައެއް ނުވެއެވެ. ރައީސް ޔާމީން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުއްވުމަށް މިނިސްޓަރަކު ފޮނުވީ، އެތަނުގެ ޚިދުމަތްދޭން ފެށިތާ ގިނަ ދުވަސްތަކެއް ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ފޭދޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް ނިމިފައިވާއިރު، ބިން ހިއްކި ސަރަހައްދުން ފޭދޫ ރައްޔިތުންނަށް ބިން ދޫކޮށް ނިމިފައިވާއިރު، އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ގޯތި ދޫކުރުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ.
އިއްޔެގެ ފުޓްބޯޅަ މެޗް ކުޅުނު "ވޯލްޑްކަޕް" ފެންވަރަށް ތަރައްޤީކޮށްފައިވާ ސްޓޭޑިއަމް އަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުން އައްޑޫއަށް ގެނެސްފައިވާ ބޮޑު ތަރައްޤީ އެކެވެ. 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕަށް ސްޓޭޑިއަމްގައި ހަރުކުރި ލައިޓްތައް އަނބުރާ ލަންކާއަށް ގެންދިޔަ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރި ނަމަވެސް ހަގީގަތުގައި އެ ލައިޓުތައް އަދިވެސް ސްޓޭޑިއަމްގައި ހަރުކޮށްފައި އެބަހުއްޓެވެ. ސަރުކާރުގެ ހިންގުންތެރި ވުޒާރާއަކުން ވަނީ، "ލައިޓް އިންވިޒިބްލް" ޕްރޮޖެކްޓެއް ހިންގައި އެ ލައިޓުތައް ލޮލަށް ނުފެންނަ ގޮތް ހަދާފައެވެ. އެ ޕްރޮޖެކްޓެއްގެ ދަށުން ހިތަދޫގައި އެޅި ފުޓްސަލް ދަނޑުގައި ހުރި ލައިޓްތައް ވެސް ވަނީ ލޮލަށް ނުފެންނަ ގޮތް ހަދާފައެވެ.
ސުވާލު ނުއުފައްދާށެވެ. އައްޑޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން ޝުކުރިއްޔާ ރައީސް ޔާމީން ކިޔަމުން ދުވާ ސަބަބަކީ، "100 އެނދުގެ ހޮސްޕިޓަލް" ވެސް އެމީހުންނަށް ފެންނާތީއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ މަދު ދުވަސްކޮޅުގެ ތެރޭގައި އައްޑޫއަށް ގެނެސްދެއްވި ތަރައްޤީ އެބޭފުޅުންނަށް "ފެންނާތީ" އެވެ. ގިނަ ރައްޔިތުންނަށް އެ ހޮސްޕިޓަލް ނުފެނުމަކީ އަދި އެހެން މައްސަލައެކެވެ.