ކެޕިޓަލް ވަން ކަޕުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މެންޗެސްޓާ ސިޓީ އިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެންޗަސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗް އެޓީމުން ކާމިޔާބު ކުރީ 3 ލަނޑު 1 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިދިނީ އެވަޓަން ގެ ރޮސް ބާކްލީއެވެ. 18 ވަނަ މިނެޓުގައި ބާކްލީގެ މިގޯލަށް ފަހު ސިޓީ އިން ވަނީ އެވަޓަންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ.. ނަތީޖާއެއްގެ ގޮތުން 24 ވަނަ މިނެޓުގައި މިޑްފީލްޑަރ ފާރނާންޑީނިއޯ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
1-1 ގެ ނަތީޖާ އަކުން އެއްވަރުވެ މެޗުގެ ފުރަތަމަ ހާފު ނިމުނި ނަމަވެސް އެގްރިގޭޓުން އޭރު ވެސް ކުރީގައި އޮތީ އެވަޓަންއެވެ.
އެގްރިގޭޓުން 2-3 ގެ ނަތީޖާ އަކުން އެވަޓަން ކުރީގައި އޮއްވާ ނަތީޖާއަށް ބަދަލެއެއް އައީ މެޗުގެ 70 ވަނަ މިނެޓުގައެވެ.
ސްޓާލިންގ ހުރަސް ކޮށްދިން ބޯޅައެއް ކެވިން ޑި ބްރުއޭނާ ގޯލުގެ ތެރެއަށް ވައްދާލައިގެން އެގްރިގޭޓު ނަތީޖާ 3-3 އަށް ބަދަލުކުރި އެވެ. ޑި ބްރުއޭނާ ގޯލް ޖެހުމުގެ ކުރިން ސްޓާލިންގ ބޯޅަ ހުރަސް ކޮށްދިން އިރު ބޭރު ވެފައިވަނިކޮށް ކަމަށް ބުނެ އެވަޓަންގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ.
ސިޓީ މުބާރާތުގެ ފައިނަލަށް ގެންގޮސްދިން ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.
ސިޓީ ފައިނަލަށް ގޮސްފައިވަނީ އެގްރިގޭޓުން 3-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.