ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް، އަނެއްކާވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަސައްކަތް ކުރައްވަމުން ގެންދަވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަދީބުގެ ފަރާތުން ބައެއް މަޖިލިސް މެންބަރުންނާއި މިހާރު ވަނީ އެ ވޯޓު ނެގުމާއި ބެހޭގޮތުން މަޝްވަރާތަކެއް ވެސް ކުރެވިފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް، އިދިކޮޅު އެމްޑީޕީ އިން އަދީބު އާއި އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަދެއްކި ފަރާތުން ބުނި ގޮތުގައި އަދީބު ގެންދަވަނީ އެބޭފުޅާގެ އެންމެ "ފަހު ކާޑު އުކާލެއްވުމަށް" ތައްޔާރުވަމުން ކަމަށެވެ.
ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް ސަބަބު ބަޔާންކޮށް މަޖިލީހަށް ޤަރާރެއް ހުށައެޅޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއި އެކުގައެވެ. މިހާރު މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަލާއިރު އެއީ 29 މެންބަރުންނެވެ.
ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގެމަށް އަދީބު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ވެސް ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އަދީބު ވަނީ އެމްޑީޕީ އާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.
އެ ޚަބަރު ގެނެސް ދިނުމާއި ގުޅިގެން ތަފާތު އިންޒާރުތަކެއް 'އައްޑޫލައިވް' އަށް ލިބިފައިވެއެވެ. އަދި އެއީ ދޮގެއް ކަމަށް ބުނެ އަދީބުއަށް ތާޢީދު ކުރާ ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ.
ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޤައުމާއި މުޚާތަބްކުރައްވައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިސް މެދުވެރިކޮށް ނެގުމަށް އަދީބު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އަދީބު ޕީޕީއެމް އިން ވަކިކޮށްފައި ވަނީ ވެސް އެމްޑީޕީ އާއި ގުޅިގެން ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރެއްވުމާއި ގުޅިގެންނެވެ.