މޭޑެގެ މުޒާހަރާއާއި ބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުލް ބާރީ ޔޫސުފް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ބަލައި ދިނުމަށް އަދާލަތު ޕާޓީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ގާޒީ ބާރީގެ އަޑު ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވާ އޯޑީއޯއެއްގައި "އެއްވެސް މުޒާހަރާއެއްގައި އެއްވެސް ކަމެއް ނުވާނެ ކަމަށާއި އެންމެ ހޫނުވާ ގަޑީގައި ވައްދާލާނީ" ކަމަށް ބުނާ އަޑު އިވެއެވެ.
އަދާލަތު ޕާޓީގެ އޮފިޝަލަކު ބުނި ގޮތުގައި އެ ޕާޓީގެ ފަރާތުން މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ މޭޑެގެ މުޒާހަރާއާއި ގުޅިގެން އެޕާޓީގެ ރައީސް އިމްރާން އަބުދުﷲގެ މައްޗަށް ދައުވާ ކުރަމުންދާއިރު، އެކަމުގެ ހަގީގަތް އެނގުމަކީ އެޕާޓީއާއި އިމްރާންގެ މަސްލަހަތާއި ވެސް ގުޅިފައިވާ ކަމަކަށް ވާތީ ކަމަށެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ކުރި މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގާފައިވަނީ ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރަކު އަޑިގައި ހުންނަވައިގެން މުޒާހަރާ ކުރާ ފަރާތްތައް ބަދުނާމުކޮށް ޖިނާއީ ދައުވާ އުފުލުގެ ފުރުސަތު ފަހި ކޮށް ދިނުމަށް ކަމަށް އެޕާޓީއަށް މައުލޫމާތު ލިބެމުންދާ ކަމަށާއި، ފުލުހުން ބަންދުކޮށްފައިވާ ތަނަކަށް ޕިކަޕެއް ވެއްދުމުގައި ވެސް އެފަރާތުގެ ބައިވެރިވުން ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށް އަދާލަތުން ބުނެފައިވެއެވެ.
މޭޑޭގެ މުޒާހަރާއާއި ގުޅުން ހުރި މައްސަލަތަކެއް ބަލައިދިނުމަށް އަދާލަތުން ހުށަހަޅާފައިވާއިރު، އެ ދުވަހު ހަމަނުޖެހުން ހިންގާ ފުލުހުންގެ ސަފު ފަޅާލާ، ފުލުހަކަށް އަނިޔާކޮށްފައިވަނީ އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ދައުލަތުންވަނީ ބުނެފައެވެ.
ނަމަވެސް ދައުލަތުން އެކަން ސާބިތުކުރުމަށް ހުށަހެޅި ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ، އެ ދުވަހު ހަމަނުޖެހުން އުފެދިފައިވަނީ ސީދާ އިމްރާން ދެއްކެވި ވާހަކައެއްގެ ސަބަބުން ކަމަށް ބުނަނަން ނުކެރޭ ކަމަށެވެ.