ބޮކްސިން ޑޭ ގައި ސްޓޯކްގެ ދަނޑުގައި ޔުނައިޓެޑް ބަލިވުމަށްފަހު ސްޓޯކް އާ ބައްދަލު ކުރި ފުރަތަމަ މެޗުގައި އެމީހުން ބަލިކޮށް ޔުނައިޓެޑް އިން ބަދަލު ހިފައިފިއެވެ.
ޔުނައިޓެޑުގެ ދަނޑު، އޯލްޑް ޓްރެފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޖެސީ ލިންގާޑް ވަނީ ޒުވާން ޑިފެންޑަރު ކެމެރަން ބޮރތްވިކް ޖެކްސަން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. މިއީ މިދޔަ އަހަރުގެ ސެޕްޓެމްބަރުގެ ފަހުން އޯލްޑް ޓްރެފޮޑް ގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިއަކު ފުރަތަމަ ހާފުގައި ޖެހި ފުރަތަމަ ގޯލެވެ.
14 ވަނަ މިނެޓުގައި ލިންގާޑްގެ ގޯލަށް ފަހުވެސް ޔުނައިޓެޑް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލާ ދިމާލަށް ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން 23 ވަނަ މިނެޓުގައި ވޭން ރޫނީ ދިން ބޯޅައަކުން ޒުވާން ފޯވާޑް އެންތޮނީ މާޝިއަލް ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
މެޗުގެ ތިން ވަނަ ގޯލު 53 ވަނަ މިނެޓުގައި އެންތޮނީ މާޝިއަލް ތިރިތިރިން ހުރަސް ކޮށްދިން ބޯޅައެއް މަޑުމަޑުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ކެޕްޓަން ވޭން ރޫނީއެވެ. މިއީ ރޫނީ އޯލްޑް ޓްރެފޮޑްގައި ޖެހި 99 ވަނަ ގޯލެވެ.
މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ޔުނައިޓެޑުގެ މެނޭޖަރު ލުއިސް ވެން ގާލް ބުނެފައިވަނީ އޭނާގެ ޓީމު ދެއްކި ކުޅުމާމެދު ވަރަށް ފަޚުރުވެރިވާ ކަމަށެވެ.
މިމެޗުގައި ވެން ގާލް ގެ އެސިސްޓެންޓު އަދި ކުރީ ޔުނައިޓެޑުގެ ކުޅުންތެރިޔާ ރަޔަން ގިގްސް ވަނީ އާއިލީ ކަމެއްގައި މެޗަށް ހާޒިރު ނުވެފައެވެ.