އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން އަންނަ ޝަންގްރިއްލާ ރިސޯޓުގެ މިދިޔަ މަހުގެ ސާވިސް ޗާޖު އޮޅުވާލައި މަކަރު ހަދާފައިވާކަމަށް އެތަނުގެ ގިނަ މުވައްޒަފުްތަކެއް ތުހުމަތު ކޮށްފިއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި މުވައްޒަފަކު ބުނީ ނިމިގެން ދިޔަ ޖެނުއަރީ މަހު، ޖުމްލަކޮށް ރިސޯޓުގެ އޮކިއުޕެންސީ ހުރީ ވަރަށް މަތީގައި ކަމަށާއި، ހަފްތާއިން ހަފްތާއަށް ސާވިސް ޗާޖް މީގެ ކުރިން ޑިސްޕްލޭ ކުރަމުން އަންނަ އިރު ޖެނުއަރީ މަހުގެ ސާވިސް ޗާޖް އާއްމު ނުކުރި ކަމަށެވެ. ނަމަވެސް ޖެނުއަރީ މަހުގެ ސާވިސް ޗާޖް 1000 ޑޮލަރަށް ވުރެ މަތި ކަމަށް ފައިނޭންސް ޑިޕާޓްމަންޓުގެ އެތެރެއިން މުވައްޒަފުންނަށް އެނގިފައިވާ ކަމަށެވެ.
ނަމަވެސް މަސް ނިމިގެން މުސާރަ ލިބުނު އިރު ލިބުނީ 780 ޑޮލަރު ކަމަށް މުވައްޒަފުން ބުންޏެވެ.
ޝަންގްރިއްލާ ރިސޯޓަކީ ބޭރު މީހުންނާއި ދިވެހިން މުވައްޒަފުން ތަފާތު ކުރުން ބޮޑު ރިސޯޓެކެވެ. އެގޮތުން ގިނަ ޑިޕާޓްމަންޓް ތަކުގެ އިސް ތިން ހަތަރު މަގާމަށް ބޭރު މީހުން ގެންގުޅޭ އިރު ދިވެހި މުވައްޒަފުން ބޭނުން ތިބެނީ އާދައިގެ ލެވެލް މަގާމުތަކުގައެވެ. އަދި މިކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ތަނުގެ މުވައްޒަފުން ކޮށްފައިވެއެވެ.
ޝަންގްރިއްލާއިން ވަނީ މިދިޔަ އަހަރު އެށުގައި ހިންގަމުން ދިޔަ "ސިފާނީ ޖުވެލަރީޒް" ފިހާރަ ފަޅާލި ކަމަށް ތުހުމަތުކޮށް ދިވެހި 4 މުވައްޒަފަކު ފުލުހުންނާއި ހަވާލުކޮށް ބަންދު ކޮށްފައެެވެ. އެމައްސަލާގެ ތަހްގީގުގައި "ސިފާނީ ޖުވެލަރަޒީސް"ގެ އެއްވެސް މުވައްޒަފަކު ބަންދުކޮށް ތަހްގީގު ކޮށްފައި ނުވާއިރު އެތަން ފަޅާލި އިރު އަގުބޮޑު ގަހަނާތައް ހުރި ކަބަޑްތަކުގެ ތަޅުނުލާ ހުރިކަމަށްވެއެވެ.
ޝަންގްރިއްލާ ރިސޯޓުގެ މިދިަޔަ މަހުގެ ސާވިސް ޗާޖް އޮޅުވާލި އިރު ކުރިން މުވައްޒަފުންނަށް ދެމުން ގެންދިޔަ އަހަރީ ބޯނަސްވެސް ބަދަލުކޮށް، ބޯނަސް ލާރިދޭއިރު ރަމަޟާން އެލެވެންސްގެ ގޮތުގައި ދޭ 2000 ރުފިޔާވެސް ބޯންސް ލާރިން އުނި ކުރެއެވެ.