އިނގިރޭސި ޕްރިމިއާ ލީގުގައި މިސީޒަނުގައި އެންމެ ހައިރާން ކުރުވަނިވި ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ ސިޓީ ލީގުގެ ދެވަނައިގައި އޮތް ސިޓީ ބަލިކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް އިތުރުކޮށްފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު ދެވަނަ މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ނަގައި ދިނީ ލެސްޓާގެ ހޫތް އެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 0-1 ގެ ނަތީޖާ އަކުން ލެސްޓާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ގިނައިރު ތަކެއް ނުވެ ރިޔާދް މަހުރޭޒް ވަނީ ލެސްޓާގެ ލީޑު ފުޅާ ކޮށްދީފައެވެ. 48 ވަނަ މިނެޓުގައި މަހްރޭޒް ގެ ގޯލު ފެނިގެން ދިޔައީ ސިޓީ އިން ކުޅުނު އެޓޭކެއްގެ ކައުންޓާއަކުންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ހޫތް ވަނީ އަނެއްކާވެސް ލިބުނު ކޯނަރެއް ގޯލުގެ މަތީ ކަނަށް ވައްދާލައިގެން މެޗުގެ ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ.
ސިޓީ ގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ 86 ވަނަ މިނެޓުގައި ސާޖިއޯ އެގުއޭރޯގެ ފަރާތުންނެވެ.
މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަދި ވަޓްފޯޑް ބައްދަލު ކުރި މެޗު 0-1 ގެ ނަތީޖާއަކުން ސްޕާސް ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކީ ތާވަލުގެ ދެވަނައަށް ވަނީ އަރާފައެވެ. ނަމަވެސް އެއްވަނައިގައި އޮތް ލެސްޓާ ސިޓީ އާ ދެމެދު 5 ޕޮއިންޓުގެ ފަރަގެއް އަދިވެސް އެބައޮތެވެ.
މި ސީޒަނުގެ ގޭމްވީކް 25 އާ ހަމައަށް އާދެވުނު އިރު ދެވަނައިގައި އޮތް ޓީމާ ދެމެދު 5 ޕޮއިންޓުގެ ފަރަގެއް ލިބުމުން ލެސްޓާގެ ގިނަ ސަޕޯޓަރުންވަނީ މިސީޒަނުގައި ލެސްޓާ އަށް ލީގު ލިބޭނެ ކަމުގެ ފޮނި ހުވަފެން ބަލަން ފަށާފައެވެ. ސީޒަނުގައި ބާކީ އެންމެ 13 މެޗު އޮތް އިރު ދެން ކުޅެން ޖެހިފައިވަނީ އެންމެ ފަހަކަށް ލެސްޓާގެ ކުރީގައި ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށެވެ.
ނަމަވެސް މިހާރު އާސެނަލް އޮތީ ތާވަލުގެ ހަތަރު ވަނައިގައި ލެސްޓާއަށް ވުރެ 6 ޕޮއިންޓު ފަހަތުގައެވެ.