އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) އާއި ހައި ކޯޓުގެ 2 ފަނޑިޔާރަކު ބައްދަލުކުރިކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ހާމިދު ސޭޓު ގޭބަންދުގައި ހުއްޓައި އެގެއަށް ގޮސް އެބޭފުޅާ އާއި ބައްދަލުކޮށްފަައިވަނީ، ހައި ކޯޓަށް ދާދިފަހުން އައްޔަން ކުރި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު އުޘްމާންއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ސޭޓް ގޭބަންދުގައި ހުއްޓައި އަނެއްކާވެސް ދޫނިދޫއަށް ބަދަލުކޮށްފައިވަނީ، އެ މައްސަލައާއި ގުޅިގެންނެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން މިކަމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އަމުރަކާއި ގުޅިގެން އޭނާ ހައްޔަރުކުރުމުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެން ނަމަވެސް ހައި ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ހާމިދު އެންމެ ފުރަތަމަ ހައްޔަރުކުރީ ގޮއްވާލާނެ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީނަށް ވައިބާ މެދުވެރިކޮށް އިންޒާރުދިން މައްސަލައަކާ ގުޅިގެން މެލޭޝިއާގައި ހުއްޓަ އެވެ.