Last Updated: November 22, 23:40
Saturday, November 23, 2024
ސިޔާސީ

ރައީސް ޔާމީންގެ އެކައުންޓަށް ފަސްލައްކަ ޑޮލަރު ޖަމާކުރި ތަފްސީލް އަލީ ވަހީދު ހާމަކޮށްފި

ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް ފަސްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ތާރީހާއި ތަފްސީލް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއްމުކޮށްފިއެވެ.

މޭއި ޑޭއަށް ފަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ އަލީ ވަހީދު، ރާއްޖެ ޓީވީގެ "ފަލަ ސުރުހީ"ގައި ވާހަކަ ދައްކަމުން ވިދާޅުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގައި 10:30:54 [ދިހަ ގަޑި ތިރީސް، ފަންސާސް ހަތަރު ސިކުންތު] ގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް 500،000 ޑޮލަރު ޖަމާކުރި ކަމަށެވެ.

އަދި އެފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީއިން ގެެއްލުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށް ބުނާ އެސްއޯއެފް ކޮމްޕެނީގެ ޗެކަމުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި ފަސް ލައްކަ ޑޮލަރުގެ ޓްރާންސެކްޝަން އައިޑީ އަކީ 1405664 ކަމަށެވެ.

އަލީ ވަހީދުވަނީ މި ޗެކް ޖަމާކުރި ބޭންކް މުވައްޒަފުގެ ނަމާއި، މެނޭޖަރުގެ ނަމުގެ އިތުރުން ބޭންކް އެކައުންޓް ނަންބަރުވެސް ހާމަ ކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ އޭނާގެ އެކައުންޓަކަށް އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ޖަމާވެފައި ނުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބޭންކްތަކުގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ތުހުމަތު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ނ. ކުޑަފަރީ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބޭންކުތަކުގެ އިހުމާލު ވެސްވާ ކަމަށެވެ.