Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

އިމްރާންގެ ޝަރީއަތުގައި ހެކި ހުށަހެޅުމުގެ ކުރިން ގާޒީ ބާރީ ނިންމެވި ގޮތަކީ ކޮބައިކަން ހާމަކުރުން މިއަދު ؟

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތް ފެށުމާއި އެކު ގިނަ ބަޔަކަށް ލިބިގެންދިޔައީ ހައިރާންކަމެކެވެ.

އިމްރާން އާއި ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ "ގޮތެއް ނިންމަވައިގެން ހުންނެވި" ކަމަށެވެ.

އިމްރާންގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި އެންމެ ކޮރަޕްޓް ފަނޑިޔާރު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އަބްދުލް ބާރީ ޔޫސުފް ކަމަށް ވުމުން ސިޔާސީ ގިނަ ފަރާތްތަކުން ވެސް ތުހުމަތު ކުރާ ގޮތުގައި އިމްރާން އަށް އިންސާފުވެރި ޝަރީޢަތެއް ލިބުމަކީ ނާދިރު ކަމެކެވެ.

ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް އިމްރާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މީގެ އިތުރުން އިމްރާންގެ މައްސަލާގައި ކޯޓުގެ އިސް ނެގުމަކަށް ކަމަށް ބުނެ ހާޒިރުކުރާ މީހެއްގެ ހެކިބަސް ހޯދުމަށް ވެސް ގާޒީ ބާރީ ނިންމެވިއެވެ. ނަމަވެސް ފަހުން އެ މީހަކު ހާޒިރު ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.

އިމްރާންގެ ޝަރީޢަތުގައި ދައުލަތުން ބުނެފައި ވަނީ، މޭޑޭ މުޒާހަރާގައި ހަމަނުޖެހުން އުފެދުނީ އިމްރާން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންނަށާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިޔާ ވެސް ބުނެފައި ވަނީ ހަމަނުޖެހުން އުފެދުނީ ސީދާ އިމްރާން ދެއްކެވި ވާހަކައިގެ ސަބަބުން ކަމަށް ބުނަން ނޭނގޭ ކަމަށެވެ.

މީގެ ކުރިން ބައެއް ޝަރީޢަތްތަކުގެ އަޑުއެހުންތައް ގެއްލުވާލާފައިވާ ގާޒީ ބާރީ، އިމްރާންގެ މައްސަލަ ކުރިއަށް ގެންދާ ގޮތަށް ބަލާއިރު މިއަދު އިމްރާންގެ މައްޗަށް ހުކުމް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ ޤާނޫނީ ނިޒާމްގެ އުސޫލްތައް ފުނޑާލުމަށް ފަހު މީގެ ކުރިން ވެސް ސިޔާސީ ލީޑަރުންގެ މައްޗަށް ހުކުމް ކުރި ގާޒީ އަކު އިމްރާންގެ މައްޗަށް ބޭއިންސާފު ހުކުމެއް ކުރުމަށް ފަސްޖެހިދާނެ ކަމަކަށް ނުބެލެވެއެވެ.

އިމްރާންގެ މައްސަލައިގެ ފަހު އަޑުއެހުން މިއަދު ބޭއްވުމަށް ތާވަލް ކުރެވިފައިވާއިރު، މިއަދަކީ ގާޒީ ބާރީ ނިންމަވައިގެން ހުރި ގޮތް ހާމަކުރާ ދުވަސް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.