Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި އެކައުންޓްތަކުގެ ތަފްސީލްދޭން އެމްއައިބީން ދެކޮޅު!

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) -- ވީފައިލް ފޮޓޯ

ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ތހްގީގަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ބޭނުންވާ ބައެއް އެކައުންޓް ތަކުގެ ތަފްސީލް ދޭން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ދެކޮޅު ހަދައި އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއައިބީން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ކޯޓު އަމުރެއް ނެތި ބައެއް ފަރާތްތަކުގެ އެކައުންޓް ތަފްސީލު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓް ތަފްސީލް ހޯދުމަށް އޭސީސީން ހުށަހެޅިކަމުގެ މައުލޫމާތު އައްޑޫލައިވްއަށް ވަނީ ލިބިފައެވެ.

އެމްޑި÷ިގެ ޗެއާޕާސަން އަލީ ވަހީދުވަނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވިދާޅުވެ ބައެއް ތަފްސީލް ދެއްވާފައެވެ.

އެމްއައިބީން ސިވިލް ކޯޓުގައި އެދިފައިވަނީ އޭސީސީގެ ގާނޫނާއި، ބޭންކުތަކާއި ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި ބެހޭ ގާނޫނުގެ ދަށުން އެމައުލޫމާތުތައް ދޭން ނުޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ކަރަޕްޝަން މައްސަލާގައި އިހްމާލްވެފައިވާ ބޭންކްތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އޭގެ ފަހުން އެމްއެމްއޭގެ ހަބަރެއް ވެފައި ނުވެއެވެ.