ސްޕެނިޝް ލަލީގާގައި ރިއަލް މެޑްރިޑް އަދި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗު 2-4 ގެ ނަތީޖާއަކުން ރިއަލް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ދެވަނަ މިނެޓުގެ ކުޅުންނިމުނުއިރު ރޮނާލްޑޯގެ ގޯލަކާއެކު ރިއަލް އިން ވަނީ މެޗުގެ ލީޑުނަގާފައެވެ.
ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ބިލްބާއޯ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ބިލްބާއޯ އިން ގޯލު ހާވިއާ އެރާސޯ ގޯލު ޖެހިނަމަވެސް މިގޯލަކީ ރިއަލްގެ ޒުވާން ޑިފެންޑަރު ރަފައެލް ވަރާން އަށް ހެދުނު ގޯހެއްގެ ސަބަބުން ވަން ގޯލެކެވެ.
އެރާސޯގެ މިގޯލަށް ފަހު ރަނގަޅު ކުޅުމެއް ދައްކައި މެޑްރިޑް އިން ވަނީ އަނެއްކާވެސް މެޗުގެ ލީޑު ނަގާފައެވެ. މިފަހަރު ގޯލު ޖަހާފައިވަނީ ޒުވާން ހަމޭސް ރޮޑްރިގޭޒް އެވެ. ހަމޭސްގެ ގޯލަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޯނީ ކްރޫސް ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާ އެކު ރިއަލް މެޑްރިޑްގެ ރަފައެލް ވަރާން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
10 ކުޅުންތެރިންނާއެކު ކުޅުނު ރިއަލް މެޑްރިޑް ވަނީ 4 މިނެޓު ފަހުން އަނެއްކާވެސް ގޯލެއް ޖަހާފައެވެ. މިގޯލު ޖަހާފައިވަނީވެސް ކްރިސްޓިއާނޯ އެވެ.
މެޗުގެ ފަހު ގޯލު ބިލްބާއޯ އިން ޖަހާފައިވާއިރު މިގޯލު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގޯކާ އެލުސްޓޮންދޯ އެވެ.
ރޭގެ މެޗުން މޮޅުވެ ރިއަލް މެޑްރިޑް ވަނީ އެތްލެޓިކޯ މެޑްރިޑްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތާވަލުގެ ދެވަނައަށް އަރާފައެވެ.
ނަމަވެސް ރިއަލް އަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާ ބާސެލޯނާ އަދިވެސް އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ރިއަލް އަށް 53 ޕޮއިންޓު ލިބިފައިވާއިރު އެތްލެޓިކޯ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.