ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން މެޑަމް ފާޠިމަތު އިބްރާހިމްއަށް މަހަކު "ދޮޅު ލައްކަ ރުފިޔާ" މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (މާން) މެދުވެރިކޮށް އަދީބް އަތުން ނެންގެވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ދެއްކެވި ވާހަކަތަކަށް މާނު މިއަދު އެއްބަސްވެވަޑައިގެންފިއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާނު ވިދާޅުވީ "ދޮޅު ލައްކައެއްހާ" ފައިސާ ލިބުނު ކަމަށާއި، ނަމަވެސް އެފައިސާއަކީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މެލޭޝިއާގައި ބޭތިއްބި މަންދޫބުންތަކަކަށް މުސާރައިގެ ގޮތުގައި ފޮނުވި ފައިސާތަކެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މެޑަމް ފާތުން އެފައިސާ ހޭދަކުރެއްވީ ރާއްޖޭން ބޭރުގައި ހިންގަމުން ދިޔަ އޮފީހަކަށް ކަމަށް މައުލޫމާތާއި ހެކި ލިބިފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ތުހުމަތު ތަކާއި ގުޅުވައިގެން މާނު މިއަދު ވިދާޅުވީ އެ ފައިސާ އާއި މެޑަމް ފާތުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަމަނާއަށް އެކަން އެނގިވަޑައި ވެސް ނުގަންނަވާނެ ކަމަށެވެ.
މާނު އިތުރަށް ވިދާޅުވީ އެ ފައިސާއަކީ އަދީބު އަންގަވައިގެން މެލޭޝިއާގައި ތިއްބެވި މަންދޫބުންނަށް ފޮނުވި ފައިސާކަން އެނގޭނެ ލިޔެކިއުންތައް އެބަހުރި ކަމަށެވެ. އަދި ފައިސާ ތަކަކީ ބައެއްގެ މުސާރައިގެ ގޮތުގައި ދިން ފައިސާ ކަމަށް ވާތީ އަދަދު ތަކުގެ ތަފުސީލު ހާމައެއް ނުކުރެއްވޭނެ ކަމަށެވެ.
މާނު މިފަދަ މޭރުމަކުން މީޑިއާތަކަށް މައުލޫމާތު ދެއްވިއިރު މާނު އަކީ ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް މަގާމެއް އަދާކުރެއްވި ބޭފުޅެއް ނޫނެވެ. އެހެން ކަމުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖޭން ބޭރުގައި ތިބި ބައެއްގެ މުސާރަ މާނު މެދުވެރިކޮށް ދެއްވީ ކޮން އުސޫލަކުންތޯ ގިނަ ބަޔަކު މިހާރު ސުވާލު އުފައްދައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ކަރަޕްޝަން މައްސަލަ ފެންމަތިވެފައިވާ އިރު ގިނަ އަދަދެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީން އާއި މެޑަމް ފާތުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.