އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓަށް މިސީޒަނުގައި އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ދެ ޓީމު ކަމުގައިވާ އާސެނަލް އަދި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާ އަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިސީޒަނުގެ ޓޮޕް ސްކޯރާ ޖޭމީ ވާޑީއެވެ. އާސެނަލްގެ ޑިފެންޑަރު ކޮސިއެލްނީ ޕެނަލްޓީ އޭރިއާ ތެރެއިން ވާޑީ ވައްޓާލުމުގެ ސަބަބުން ރެފްރީ ޕެނަލްޓީ ދީފައިވާއިރު ކޮސިއެލްނީ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
ފުރަތަމަ ހާފު ނިމުނި އިރު އާސެނަލްގެ ތިން ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފައިވާއިރު ދެވަނަ ހާފު ފެށިގެން މާގިނައިރު ތަކެއްނުވެ ލެސްޓާ ކުޅުންތެރިންނަށް ތިން ރީނދޫ ކާޑު ރެފްރީ ދައްކާފައިވެއެވެ.
މީގެތެރޭގައި ލެސްޓާގެ ޑެނީ ސިމްޕްސަން އަށް ދެވަނަ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައިވެއެވެ.
މެޗުގެ ބޮޑުބައެއް އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ލެސްޓާ ވަނީ ލީޑު ދަމަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފައެވެ.
ޑިފެންސަށް އިސްކަން ދީގެން ކުޅުނު ނަމަވެސް އާސެނަލް އިން ވަނީ 71 ވަނަ މިނެޓުގައި ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިގޯލު ފެނިގެން ދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތިއޯ ވަލްކޮޓްގެ ފަރާތުންނެވެ.
މެޗުގެ 90 މިނެޓު ހަމަވެގެން ދިޔައީ 1-1 ގެ ނަތީޖާގައި އޮވެއެވެ. އިތުރު ވަގުތުގެ ގޮތުގައި ލިބުނު ހަތަރު މިނެޓުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން ގޯލު ޖަހައި އާސެނަލް ވަނީ މެޗުން މޮޅުވެފައެވެ. މިގޯލުވެސް ފެނިގެން ދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޑެނީ ވެލްބެކް ގެ ފަރާތުންނެވެ.
މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ތާވަލުގެ ދެވަނައަށް އަރާފައެވެ. 51 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ދެޕޮއިންޓުގެ ތަފާތާއެކުއެވެ.
މިރޭ ތިންވަނަ އަދި ހަތަރު ވަނައިގައި އޮތް ދެޓީމު ކަމަށްވާ ޓޮޓެންހަމް އަދި މެންޗެސްޓާ ސިޓީ ބައްދަލު ކުރާއިރު ސްޕާސް މޮޅުވެެއްޖެނަމަ އާސެނަލް އާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެ ގޯލުގެ ތަފާތުން ކުރި ލިބޭނެއެވެ.