ބާސެލޯނާގެ ފޯވާޑް ލައިނަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ފޯވާޑްލައިން ކަމަކީ އެއްވެސް މީހަކު ދެބަސް ވާނޭ ކަމެއް ކަމަކަށް ނުބެލެވެއެވެ. މެސީ، ސުއަރޭޒް އަދި ނޭމާގެ ހުނަރުވެރިކަމާއި މަސައްކަތުގެ ރޭޓު އަދި ކުޅުންތެރިންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ބާސެލޯނާ އާ ދެކޮޅަށް ނިކުންނަ ކޮންމެ ޓީމެއް ޚާއްސަކޮށް އެޓީމެއްގެ ޑިފެންސް ލައިނަށް ގިނަގުނަ މައްސަލަތަކެއް ދިމާވާ ތަން ފެނުމަކީ މިހާރު އާއްމު ކަމެކެވެ.
އެންމެ ފަހަކަށް މިމައްސަލަ ދިމާވެފައި ވަނީ ސެލްޓާ ވީގޯ އަށެވެ. ސްޕެނިޝް ލަލީގާ ގައި ސެލްޓޯ އާ ދެކޮޅަށް ކުޅުނު މެޗު ބާސާ ކާމިޔާބުކުރީ 1-6 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ މެސީއެވެ. މެސީގެ ގޯލަށް ފަހު ބާސާގެ ޖޯޑީ އަލްބާ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ސެލްޓޯ އަށް ޕެނަލްޓީއެއް ދީފައެވެ.
39 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށްގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ޖޯން ގިޑެޓީއެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ތިންވަނަ ގޯލު ފެނިގެން ދިޔައީ ލުއިސް ސުއަރޭޒްގެ ފަރާތުންނެވެ. 59 ވަނަ މިނެޓުގައި ސުއަރޭޒްގެ މެޗުގެ ފުރަތަމަ ގޯލާއެކު ބާސާ ވަނީ 1-2 އަށް ނަތީޖާ ބަދަލުކޮށް ދެވަނަފަހަރަށް މެޗުގެ ލީޑު ނަގާފައެވެ.
މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ބާސާގެ ތިންވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައިވަނީވެސް ސުއަރޭޒްއެވެ.
80 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ވައްޓާލުމުގެ ސަބަބުން ބާސާ އަށް ލިބުނު ޕެނަލްޓީއެއް މެސީ ވަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ފޮނުވާލައިފައެވެ. ބާރަށް ބޯޅަ ގޯލާ ދިމާލަށް ފޮނުވުމުގެ ބަދަލުގައި މަޑުމަޑުން ކުރިއަށް ޖައްސާލީއެވެ. ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ފަހަތުގައި ހުރި ލުއިސް ސުއަރޭޒްއެވެ.
މެޗުގައި ހެޓްރިކް ހެދުމަށްފަހު ސުއަރޭޒް ވަނީ 85 ވަނަ މިނެޓުގައި އިވަން ރަކިޓިކް އަށް ގޯލެއް އެސިސްޓުވެސް ކޮށްދީފައެވެ.
މެޗުގެ ފަހު ގޯލު 90 ވަނަ މިނެޓުގައި ޖަހާފައިވަނީ ނޭމާއެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސާ އެއްވަނައިގައި އޮތީ 57 ޕޮއިންޓާއެކުއެވެ. 54 ޕޮއިންޓާއެކު އެތްލެޓިކޯ ދެވަނައިގައި އޮތް އިރު ރިއަލް މެޑްރިޑް ތިންވަނައިގައި އޮތީ 53 ޕޮއިންޓު ލިބިގެންނެވެ.