ރާއްޖޭގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކަރަޕްޝަން އެމްއެމްޕީއާރްސީގެ ތަހްގީގަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ހޯދަން ބޭނުންވި ރައީސް އަބްދުﷲ ޔާމީންގެ ބޭންކް ތަފްސީލް ދޭން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނިންމައިފިއެވެ.
އެމްއައިބީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް ތަފްސީލް އޭސީސީއަށް ދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ރައީސް ޔާމިންގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް ރޭ ކުރެއްވި ޓްވީޓެއެއްގައި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ގެ އެކައުންޓް އާ ބެހޭގޮތުން އޭސީސީ އިން ބޭނުންވާ މައުލޫމާތު ދެއްވުމަށް ރައީސް އެދި ވަޑައިގަންނަވާ ކަމަށެވެ. އޭގެ އިރުތަކެއް ފަހުން އެމްއައިބީން ވަނީ އެކައުންޓް ތަފްސީލް ދޭން ނިންމާފައިވާ ކަމަށް ބަޔާން ނެރެފައެވެ.
އެމްއައިބީން ބުނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ކަސްޓަމަރުންގެ މައުލޫމާތު ހިމާޔަތް ކުރެވޭނެ ގޮތެއް ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.