ބޭއިންސާފުން ވިޔަސް އަމިއްލަ އާއިލާ އާއި ވަކިން ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ، އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫނެވެ.
މިރޭ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއި އެކު އެބޭފުޅާގެ މޫނުމަތިން ފެނިގެން ދިޔައީ އުޖާލާކަމެވެ. އާންމު ގޮތެއްގައި ވެސް ޝެއިޚް އިމްރާން އަބްދުﷲ ކޯޓަށް ހާޒިރުކުރާއިރު އެބޭފުޅާގެ މޫނުމަތިން ފެންނަ ހިނިތުންވުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ޖަލު ހުކުމް އިއްވުމަށް ފަހު އާއިލާގެ ބޭފުޅުންނާއި މުޚާތަބު ކުރައްވައި އިމްރާން ވިދާޅުވީ، ފަރުޟު ފަސް ނަމާދު ޤަވާއިދުން ކުރުމަށެވެ. ގާޒީ ބާރީއަށް ވެސް ރުޅިވެރިކަމުގެ ނަޒަރަކުން ބެއްލެވުމުގެ ބަދަލުގައި އިމްރާން ޖަވާބު ދެއްވީ ހިނިތުންވުމަކުންނެވެ.
މީގެ އިތުރުން ޝައިޚް އިމްރާން ވަނީ، އެބޭފުޅާގެ އަޒުމަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ސާބިތުކަމާއި އެކު ހުންނެވި ކަމަށް ވިދާޅުވެފައެވެ.
އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި އާދަޔާއި ޚިލާފު ވަރަށް ގިނަ ކަންތައް ތަކެއް ހިނގާފައިވެއެވެ. އެގޮތުން، އިމްރާން އާއި ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމުގެ ކުރިން ގާޒީ ބާރީ ވަނީ، "ގޮތެއް ނިންމަވައިގެން" ހުންނެވި ކަމަށް ވިދާޅުވެފައެވެ.
އަދި އިމްރާން އާއި ދެކޮޅަށް ހެކިބަސް ދިނުމަށް ހާޒިރު ކުރި ސިއްރު ހެއްކަކު ވެސް ހެކި ބަސް ދިނުމުގައި ދޮގު ހަދާފައިވާކަން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.