Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އިންސާފު ނެތިދިއުމުގެ ހިތި ފަނޑިޔާރުންނަށް ތަހައްމަލް ކުރާނެ: ޑރ. ޖަމީލް

އިންސާފު ނެތިދިއުމުގެ ހިތި އެންމެ ފަހުން ކޯޓުތަކުގެ ފަނޑިޔާރުން ތަހައްމަލް ކުރަން ޖެހޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

"ރިޝަވަތު ފައިސާ ދީގެން" މަޖްލިސް މެމްބަރުން މެދުވެރިކޮށް ނައިބް ރައީސް ކަމުން އަޒަލު ކުރި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފުވެރިކަން ނެތި ދިއުމުގެ ހިތި ނަތީޖާ އެންމެ ފަހުން ކޯޓުތަކުގެ ފަނޑިޔާރުންވެސް ތަހައްމަލު ކުރާނެ ކަމަށެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން 12 އަހަރަށް ޖަލަށް ލުމާއި ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ މާ ލަސްތަކެއް ނުވެ، ފަނޑިޔާރުންގެ މެދުގައި އިންސާފު ގެއްލިގެންދާ ތަން ފެންނާނެކަމަށެވެ.

ޖަމީލް މިގޮތަށް ވިދާޅުވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ އާއިލާ އާއި ބެހޭ ކޯޓަށް ބަދަލުކޮށްފައެވެ.

އަދި ފަނޑިޔާރުން ރިޝަވަތު ނަންގަވާކަމަށް ވިދާޅުވުމާއި ގުޅިގެން އާއިލާ އާއި ބެހޭ ކޯޓުގެ ފަނޑިޔާރު ހަސަން ސައިދުގެ މައްސަލައެއް ޖޭއެސްސީ އަށް ވަނީ ހުށަހަޅާފައެވެ.