އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވި ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމުގައި ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކާއި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރަމުން ދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
އެގޮތުން އިމްރާންގެ މައްޗަށް ދައުވާ ކުރެވުނު ގޮތާއި، ޝަރީޢަތް ހިނގި ގޮތާއި އަދި ހުކުމް އިއްވި ގޮތުން އިންސާފުގެ ޒައްރެއްގެ މިންވަރު ވެސް އެކުލެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 51 މާއްދާގެ (އ) ގައި ބުނެފައިވަނީ އެއްވެސް މީހެއްގެ މައްޗަށް ކުށެއްކޮށްފި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާހައި ހިނދަކު އެމީހަކީ ކުށެއް ނުކުރާ މީހެއް ކަމަށް ބެލުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ.
އެ މާއްދާގައި ބުނެފައިވަނީ، ކުށެއް ސާބިތުނުކުރެވޭހައި ހިނދަކު އެމީހަކު ކުށްވެރިވާ ކަމަށް ކަނޑަނޭޅޭނެ ވާހަކައެވެ. ފަނޑިޔާރަކު ބޭނުންހައި ގޮތަކަށް ނުވަތަ ޤަބޫލުކުރާ ގޮތަކަށް މީހަކީ ކުށްވެރިއެއް ކަމުގައި ކަނޑައެޅުން ޤާނޫނު އަސާސީ އިން ހުއްދައެއް ނުކުރެއެވެ.
އިމްރާންގެ މައްޗަށް ކުރެވުނު ޝަރީޢަތުގެ ބޭއިންސާފު އެންމެ ރަގަޅަށް އެނގޭނެ އެއްބަޔަކީ، އިމްރާން އާއި ދެކޮޅަށް އެއްވެސް އަސާސެއް ނެތް ދައުވާކުރަން ކޯޓަށް ދިޔަ ޕްރޮސިކިއުޓަރުންނެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި ނުވަތަ ނާޖައިޒު މަންފާތަކެއް ހޯދުމުގެ ނިޔަތުގައި ނަމަވެސް އިމްރާން އާއި ދެކޮޅަށް އުފުލި ދައުވާގައި އެއްވެސް އަސާސެއް ނެތްކަން ޚުދު ޕްރޮސިކިއުޓަރުން ވެސް ޤަބޫލުކުރެއެވެ.
'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި ޝަރީޢަތަށް ދިޔަ ޕްރޮސިކިއުޓަރުންގެ ތެރެއިން އަންހެން ޕްރޮސިކިއުޓަރަކު ވަނީ އެނބުރި އޮފީހަށް ގޮސް ރޮއެފައެވެ.
ސުވާލަކީ، ޝަރީޢަތުގެ މަޖިލީހުގައި އެއްވެސް އަސާސެއް ނެތް ދައުވާއެއްގެ އުފުލައި ވަކާލާތު ކުރުމަށް ޕްރޮސިކިއުޓަރަށް މަޖުބޫރުވީ ކޮންކަމެއްތޯއެވެ؟
އެއީ ކޮންމެ ސަބަބެއް ކަމުގައި ވިޔަސް މާދަމާ އިމްރާންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހަމަ އެ ޕްރޮސިކިއުޓަރު އިމްރާންގެ މައްޗަށް އިއްވި ބޭއިންސާފު ހުކުމް ދިފާޢުކޮށް ވަކާލާތު ނުކުރާނެ ކަމެއް ނޭނގެއެވެ.