ގދ. ތިނަދޫ އިންޖީނުގެ ރޯކޮށްލި މައްސަލާގައި އެތަނުގެ މެނޭޖަރަކާއި މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެތަނުގެ އެސިސްޓެންޓް މެނޭޖަރު ގދ. ތިނަދޫ، އަބްހަރީ އާގެ، އިބްރާހީމް އަހުމަދާއި، އެތަނުގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޔާމީން އެވެ. އެއީ އެއްބަޑު ދެމީހުންނެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި އިބްރާހިމް އަހްމަދު އާއި ޔާމީން އަކީ ތިނަދޫ މެމްބަރު ސައުދުﷲ ހިލްމީ އާއި ގާތް ގުޅުމެއް އޮންނަ ޕީޕީއެމްގެ ދެ މީހުންނެވެ.
ތިނަދޫން މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާ ހިނގުމުގެ ކުރިން ތިނަދޫ އިންޖީނުގޭގައި ދެ ފެކްޝަން އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް ކަން ނުކުރެވޭ ކަން ދެއްކުމަށް މަސައްކަތް ކޮށްފައިވެއެވެ. އެއީ މެމްބަރު ސައުދު އަށް ތާއީދު ކުރާ ބަޔަކާއި، މެމްބަރު އަހްމަދު އަބްދުﷲ އަށް ތާއިދު ކުރާ ބަޔަކާއި އެކު އުފެދިފައިވާ ދެ ފެކްޝަނެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހްގީގު ކުރަމުން އަންނަނީ މިފަދަ ކަންކަން ތަހްގީގު ކުރާ ހާއްސަ ޓީމަކުން ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ޖަނަވަރީ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 2:15 ހާ އިރު ތިނަދޫ އިންޖީނުގެ ރޯކޮށްލުމާއި ގުޅިގެން އިންޖީނުގޭގައި ބޭނުން ކުރަމުން އައި 3 ޖަނަރޭޓަރުވަނީ މުޅިން ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރ މުހައްމަދު ނިމާލް އެދުވަހު ވިދާޅުވީ އެ ހާދިސާ އަކީ ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.