ހޮނިހިރު ދުވަހުގެ ރޭ ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ މާލޭގެ މަގުތަކަށް ބަނގުރާފުޅިތަކެއް އުކި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށެވެ. ނަމަވެސް އެމައްސަލާގައި ކާރެއް ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައެވެ.
ފުލުހުން ބުނީ ބަންދު ކުރި ކާރަކީ ބަނގުރާ އުކި ފަރާތްތަކުން ދުއްވި ކާރެވެ.
މާލޭގެ މަގުމައްޗަށް ކާރަކުން ރާ ފުޅި އުކި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ އިރު ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށް ވަނީ ބަންދަށް 3 ދުވަސް ޖަހާފައެވެ.
ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ އަރީފްއަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ބާރީ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.
ބަރީ ސިޓީ އާއި ގުޅިގެން މައްސަލައިގެ ތުހުމަތުގައި ގައުމީ ޓީމްގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ފުލުހުން ހައްޔަރު ކުރީ، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 13: 45 ހާއިރު ކޯޓު އަމުރަކާ އެކު އަމީނީމަގު ހެޕީ މާކެޓު ކައިރިންނެވެ.
އަޑުބަރޭ ހައްޔަރު ކުރި އިރު ކްރިމިނަލް ކޯޓުން ފުލުހުންނަށް ފޮނުވި ސިޓީ އާއި އެކު ބާރީ ފޮޓޯ ނެގި މީހާ ދުއްވި ސައިކަލް ނަންބަރު ޕްލޭޓްގެ ފޮޓޯއެއްް ވަނީ ފޮނުވާފައެވެ.
މާލެ ތެރެއަށް ބަނގުރާ ފުޅި އެޅި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންނެވެ.