ބައެއް ފަނޑިޔާރުން ކޮރަޕްޓު ކަމަށް ވިދާޅުވި ފެމިލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޛް ޙަސަން ސަޢީދު ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމައިފިއެވެ.
ޖޭއެސްސީން ފަނޑިޔާރު ހަސަން ސައީދު ސަސްޕެންޑްކުރުމަށް ނިންމާފައި ވަނީ މިއަދު ހަވީރު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.
ހަސަން ސަޢީދުގެ މައްސަލަ ޖޭއެސްސީއިން ބަލަނީ އާއިލާއާއި ބެހޭ ކޯޓުގެ އިސް މުވައްޒަފުން ތަކަކާއި އެކު ބޭއްވި ބައްދަލުވުމެއްގައި ފަނޑިޔާރުން ރިޝްވަތު ނަންގަވާކަމަށް ބުނެ ދެއްކެވި ވާހަކަ ރިކޯޑްކޮށް އެތަނުގެ މުވައްޒަފަކު ޖޭއެސްސީއަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ބައެއް ފަނޑިޔާރުން ރިޝްވަތު ނަގާ ކަމަށް ހަސަން ސަޢީދު ވިދާޅުވެފައިވާއިރު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ ބާރީގެ އެކައުންޓަށް 9 ލައްކަ ރުފިޔާ ޖަމާކުރި ކަމަށް ބުނާ މައްސަލައެއް ވަރަށް ފަހުން އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.