ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިން ހިސާބުން ފެށިގެން ރާއްޖޭގައި ދީނީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ގިނަ ޢިލްމުވެރިންތަކެއްގެ އިސްނެންގެވުމަށް އަދާލަތު ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދިއެވެ.އަދާލަތު ޕާޓީ ވުޖޫދަށް އައުމާއި ހިސާބުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ޢިލްމުވެރިންގެ އަޑު ގަދަވެގެން ދިޔައެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ބަޔަކީ ވެސް ހަމަ އަދާލަތު ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ.
މައުމޫނުގެ ވެރިކަން ނިމި ރާއްޖޭގެ ތާރީޚްގައި އިންތިޙާބު ކުރި ފުރަތަމަ ޑިމޮކްރެޓިކް ލީޑަރ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ އަދާލަތު ޕާޓީގެ ފުރިހަމަ ތާޢީދާއި އެކުގައެވެ. ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދުނެވެ. އެހިސާބުން ދީނީ ޢިލްމުވެރިންނަށް ކުރިން ނުލިބޭ ފަދަ މިނިވަން ކަމެއް ލިބިގެން ދިޔައެވެ.
ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލުކުރާ އަދި ދެކޭ ގޮތަކީ، ދީނާއި ސިޔާސަތަކީ ވަކި ދެ އެއްޗެއް ކަމެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ، ދީނަކީ ދުނިޔޭގައި އުޅެންވާ ގޮތް ކަމެވެ. އަދި އިސްލާމް ދީނަކީ، ދުނިޔޭގައި އިންސާނާ އުޅެންވާ ގޮތުގެ އެންމެ ފުރިހަމަ ގޮތެވެ. އެހެން ކަމުން ދީނީ ޢިލްމުވެރިން ސިޔާސީ ކަންކަމުގައި ދީނާއި ޚިލާފު ކަންތައް އެކުލެވޭ ނަމަ އެކަމަށް ފާޑު ކިޔާނެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކަން ނިންމުމާއި އަދި މަސާޖް ޕާލާތަކުގެ މައްސަލަ ބޮޑުވެ ސަރުކާރު ތެރެއިން އެކަމަށް ހައްލެއް ނުލިބުމުން އަދާލަތު ޕާޓީ އިން ސަރުކާރަށް ފާޑުކިޔައި ސަރުކާރުން ވަކިވި މަންޒަރު ފެނިގެން ދިޔައެވެ.
އެއާއި އެކު އެމްޑީޕީއަށް ޢިލްމުވެރިން ގޯސްވިއެވެ. އަދި ސަރުކާރާއި އިދިކޮޅު ބައެއްގެ ގޮތުގައި ތިބި ޕީޕީއެމް މެންބަރުންނަށް ޢިލްމުވެރިން ވަރުގެ ބަޔަކު ނެތްކަމަށް ވެގެން ދިޔައެވެ.
2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ހިސާބުން ފެށިގެން ވެސް އަދި އޭގެ ކުރިން ވެސް ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންނަށް އެންމެ ބޮޑަށް ފާޑުކިޔަމުން އައީ އެމްޑީޕީ އިންނެވެ. އެޕާޓީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދު ބޭރު ޤައުމުތަކުގެ މީޑީޔާތަކުގައި ދީނާއި ޚިލާފުވާހަކަތައް ދައްކަވަން ފެއްޓެވުމުން އެކަމަށް ޢިލްމުވެރިން ރައްދު ދެއްވަމުން ގެންދެވީމައެވެ.
ރަސޫލާ ސއވ އަށް ޞަލަވާތް ކިޔެވުމަށް ނަޝީދު ދެކޮޅު ހެއްދެވި ކަމަށް ބުނެ އެކަމަށް ޢިލްމުވެރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ. 2013 ވަނަ އަހަރުގެ އިންތިޙާބުގައި ނަޝީދު އާއި ދެކޮޅަށް ރާއްޖޭގެ ގިނަ ޢިލްމުވެރިންނާއި، އަދި އަދާލަތު ޕާޓީ ނިކުތް ސަބަބަކީ ވެސް އެއީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ރާއްޖޭގެ ސިޔާސީ މަސްރަޚް މިވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ސިޔާސީ ލީޑަރުން ޖަލަށް ލެވިފައިވާއިރު، މިއަދު އަދާލަތު ޕާޓީއާއި ގިނަ ޢިލްމުވެރިން ފެންނަނީ އަނެއްކާވެސް ސަރުކާރާއި ދެކޮޅަށް ނިކުންނަވާފައިވާ މަންޒަރެވެ. މިހާރު އެމްޑީޕީ އާއި އަދާލަތު އޮތީ އެއް ޕްލެޓް ފޯމެއްގައެވެ. ގޮވާލަމުން ދަނީ އަނިޔާވަރިކަން އިސްނުކުރުމަށާއި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓާލުމަށެވެ.
ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ، ޢިލްމުވެރިން 2 އަނގައިން ވާހަކަ ދައްކަވަނީ ކަމަށެވެ. މުނާފިޤު ޢިލްމުވެރިން ކަމަށެވެ. އެކަމަކު ހަގީގަތަކީ ކޮބައިތޯއެވެ؟
އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީގެ ލީޑަރު ރައީސް ނަޝީދުގެ ދިފާޢުގައި ދައްކަވަމުން ގެންދަވާ ވާހަކައަކީ، އެ ބޭފުޅާގެ މައްޗަށް ވެސް ޝަރީޢަތް ކުރަންޖެހޭނީ އިންސާފުން ކަމަށެވެ. ބޭއިންސާފަކީ އިސްލާމްދީނުގައި ނަހީކުރައްވާފައި ވާ ކަމެކެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ނަޝީދު ދެއްކެވި ވާހަކަތައް އޯކޭ ކަމަށް ނުވަތަ އެއީ އެންމެ ރަގަޅު ވާހަކަތައް ކަމަށް ޢަދާލަތުގެ އެއްވެސް އިލްމުވެރިޔަކު ވިދާޅެއް ނުވެއެވެ.
އެދުވަހުގެ ލާދީނީ އަށް ވުރެ މިއަދުގެ ލާދީނީ މާބޮޑު ކަމަށް ވިދާޅުވުމުން ޕީޕީއެމް މަޖިލިސް މެންބަރުން ދެފަޔަށް ހިނިއަރައިގެން އުޅޭ އުސޫލުން ޢިލްމުވެރިންގެ އަބުރު ކަތިލުމަށް މަސައްކަތް ކުރައްވަނީއެވެ. އެކަމަކު ހަގީގަތަކީ، މިސަރުކާރު އައިފަހުން އިސްލާމް ދީނުގައި ޙަރާމްކުރައްވާފައިވާ މިއުޒިކް ކުރިއެރުވުމަށް ކިތައް ޝޯވ ބާއްވައިފި ތޯއެވެ؟ ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަމަށް ބުނެ ބަރަހަނާ މަންޒަރުތަކެއް ރާއްޖޭގައި ނުނަގާތޯއެވެ؟ ލިސްޓު މިއަށް ވުރެ ވެސް ދިގުވެދާނެއެވެ. ސުވާލަކީ އެކަންތައް ތަކަކީ ލާދީނީ އަށް ނުވާނެތޯއެވެ؟
ދެއަނގައިން ވާހަކަ ދައްކަވަމުން ގެންދަވާ ބަޔަކީ ހަމަ ސިޔާސީ ބޭފުޅުންނެވެ. ޢިލްމުވެރިން ތިއްބެވީ އަދިވެސް އެބޭފުޅުން ޤަބޫލުކުރައްވާ އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. އެ އުސޫލުތައް ދޫކޮށްލެއްވީ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ވާހަކަ ރައްޔިތުން ޤަބޫލެއް ނުކުރާނެއެވެ.
ސިޔާސީ ބޭފުޅުން ހައްދަވާ އިތުރުފުޅުތަކާއި ކުލަ ބަދަލުކޮށްލެއްވުމަށް ފަހު ލިބޭ އިނާޔަތްތަކުގެ ވާހަކަ ދައްކަވާފާނެތީ ޢިލްމުވެރިންގެ އަގު ވައްޓާލުމަށް ކިތަންމެ މަސައްކަތެއް ވެސް ކުރެވިދާނެއެވެ. އެހެން ނަމަވެސް އެއީ ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެކެވެ.
އެކަމުގައި ކާމިޔާބެއް ނުލިބޭނެއެވެ. ﷲ ތަޢާލާ އެކަލާނގެ ދީން މަތިވެރިކުރުމަށް މަސައްކަތް ކުރައްވާ ޢިލްމުވެރިންގެ ދަރަޖަ މަތިވެރިކުރައްވާނެއެވެ. އަދި ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ މީހުން ނިކަމެތި ކުރައްވާނެ ކަން ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލިއަސް ފެނިގެންދާނެއެވެ.